އެއްމާބަނޑު ދެކުދިން މަރުނުވާކަން އެނގުނީ ވަޅުލަމުން ދަނިކޮށް
ބަހްރެއިންގައި އުފަންވި އެއްމާބަނޑު ދެ އަންހެން ކުދީން މަރުވިކަމަށް ނިންމާ ވަޅުލާން އުޅެނިކޮށް ނޭވާލައިފިއެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ، އެކުދިން މަރުވި ކަމަށް ނިންމި ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
މީޑިއާ ބުނާ ގޮތުގައި އެ ދެކުދިން އުފަންވީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ދުވަސްނުފުރާ ވިހެއި އެކުދީންގެ މަންމަ އޮޕަރޭޝަން ތިއޭޓަރއަށް ވެއްދުމުން ކުދީންގެ ބައްޕަ ވެސް ހޮސްޕިޓަލަށް ދަތުރު ފެށި ކަމަށާއި އަދި ހޮސްޕިޓަލަށް ވާސިލް ނުވަނީސް އެއް ކުއްޖެއް ނިޔާވި ޚަބަރު ކުދީންގެ ބައްޕައަށް ދިން ކަމަށް އޭނާއާ ހަވާލާދީ މީޑިއާ ބުނެފައި ވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިޔަތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަނެއް ކުއްޖާ ވެސް ނިޔާވި ކަމަށް ޑޮކްޓަރު ނިންމިއެވެ.
ކުދީންގެ ބައްޕަ ބުނެފައި ވަނީ ހޮސްޕިޓަލުން އޭނާއާ ކުދީން ހަވާލުކުރީ ވެސް ކޮތަޅެއްގައި ކަމަށެވެ. އަދި ކުދީން ވަޅުލާން އުޅެނިކޮށް އެކުދީން ނޭވާލާން ފެށިއެވެ. އެހެންކަމުން ކުދީން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ، މަރުވި ކަމަށް ނިންމާ ފަރުވާ ލަސްވުމުގެ ސަބަބުން އެކުދީންގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ޚަބަރުތައް ބުނެއެވެ.
16 އޮކްޓޫބަރގައި ދެކުދީން މަރުވި ކަމަށް ނިންމާފައިވާ މަރުގެ ސެޓްފިކެޓް ހާމަ ކުރަމުން ކުދީންގެ ބައްޕަ ބުނެފައި ވަނީ ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.