ރާއްޖެ، އިންޑިއާ އަދި ލަންކާއަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ މެތު އަތުލައިގެންފި

ރާއްޖެ, ސްރީލަންކާ އަދި އިންޑިއާއަށް އެތެރެކުރަން އުޅުނު 22 ބިލިއަން ރުފިޔާގެ ޑްރަގް އިންޑިއާ ކަނޑުން އަތުލައިގެންފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނި ގޮތުގައި ކެރެލާ ކައިރިން ދަތުުކުރި ބޯޓަކުން އަތުލައިގަތް ބޯޓުގައި ހުރީ 2.5 ޓަނުގެ މެތަމްޕެޓަމައިން (މެތު)އެވެ. އޭގެ އަގު 12,000 ކްރޯޑު އިންޑިއަން ރުޕީސް (22 ބިލިއަން ދިވެހި ރުފިޔާ) އަށް އަރާނެ ކަމަށް ބުނެފައިވެއެވެ. އެ ބޯޓް ހިފެހެއްޓީ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން އިންޑިއާގެ ކަނޑުގެ ސިފައިންނާއި އެންސީބީ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ. އެ މައްސަލައިގައި ޕާކިސްތާން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ޝިޕްމެންޓްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެންސީބީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ސަންޖޭ ކުމާރު ސިންގް އިންޑިއާގެ މީޑިއާތަކަށް ވިދާޅުވީ، އަތުލައިގެން ބައެއް ޑުރަގް ޕެކެޓްތަކުގައި "މޭޑް އިން ޕާކިސްތާން" ޖަހާފައި ހުރި ކަމަށާއި އެ ތަކެތި ބަހަން ނިންމާފައިވަނީ އިންޑިއާ, ސްރީ ލަންކާ އަދި ރާއްޖެއަށްކަން އެނގިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.





ކޮމެންޓް