ޚަބަރު

ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް 50،000 ރުފިޔާ ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް "ރޫޓް" ފިހާރައިން، މިދިޔަ އާދީއްތަ ދުވަހު ފައިސާ ޖަމާކުރަން ދަނިކޮށް ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަދިޔާއެއްގެ ގޮތުން 50،000 ރުފިޔާ ދީފިއެވެ.

Ads by STELCO

ރޫޓް ފިހާރައިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ، ވޭނެއްގައި ބީއޯސީ އަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ އެފައިސާ ފޭރެން މަސައްކަތް ކޮށްފައެވެ. އެމީހުންނަށް އެކަން ކާމިޔާބު ނުވީ، ވޭނު ތެރޭގައި ތިބި ރޫޓް ފިހާރައިގެ މުވައްޒަފުންތަކަކާއި ބީއޯސީ ގެ ސެކިއުރިޓީ ގާޑު އެމީހުން ހުއްޓުވުމުންނެވެ.

ފޭރުން ހުއްޓުވުމުގައި އިސް ރޯލެއް އަދާކޮށްފައިވާ ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން އަށް ގިނަ ބައެއްގެ ތައުރީފު ވަނީ އަމާޒުވެފައެވެ. އަދި ރޫޓް ފިހާރައިން ވެސް މިވަނީ އޭނާގެ އަގު ވަޒަންކޮށް 50،000 ރުފިޔާ ދީފައެވެ.

މިކަމާއި ގުޅޭގޮތުން އެފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ހަސަން މަނިކު ނެތް ނަމަ އެ ކުންފުނިން ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ގެއްލުނީސް ކަމަށެވެ.

ފޭރުން ހުއްޓުވުމުގައި އޭނާ ކުރި ހިތްވަރު ފާހަގަކުރުމުގެ ގޮތުން ފައިސާގެ އިނާމަކާ އެކު ރަމްޒީ ލިއުމެއް ވެސް ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!