މައްސަލަ ހައްލުވެއްޖެ، ޑީއާރްޕީ އުވައެއް ނުލާނަން: އީސީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ދިމާވި މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށާއި އެޕާޓީ އުވާ ނުލާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޕާޓީތައް އުވާލުމުގެ އިޚްތިޔާރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އިލެކްޝަންސް ކޮމިޝަނަށް ދީފައިވާއިރު އެކަންކަމުގެ ތެރޭގައި ކޮންގްރެސް ނުބޭއްވުން ހިމެނެއެވެ. މިގޮތަށް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީއެއް އުނިކޮށް ހަތް ދުވަހުގެ ތެރޭގައި އާއްމު ކުރަންވާނެ ކަމަށް އެގާނޫނުގައި ބުނެފައިވެއެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ފަހުން ޑީއާރްޕީން ކޮންގްރެސް ބޭއްވިކަން ލިޔެކިޔުމުން އެނގެން ނެތް މައްސަލައިގައި މިދިިޔަ ސެޕްޓެމްބަރު މަހު އިލެކްޝަންސް ކޮމިޝަނުން އެޕާޓީގެ އިސްވެރިންނާ ބައްދަލުކުރި އެވެ. މިއަހަރުގެ ޖުލައި މަހުން ފެށިގެން ޑީއާރްޕީގެ ލީޑަރޝިޕާ ހަވާލުވެފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.
އީސީއާއެކު ބޭއްވި މި ބައްދަލުވުމުގައި ޑީއާރުޕީން ބުނީ ޕާޓީގެ ލީޑާޝިޕް ބަދަލުވަމުން އައި ގޮތުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ ކަންކަމުގެ ރިކޯޑު ނުބެލެހެއްޓި ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ. އަދި ލިޔެކިޔުންތައް ހަމަކުރުމަށް އިތުރު ވަގުތަށް އެޕާޓީން އެދިފައި ވެއެވެ.
އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕާޓީ އުވާލަން ނިންމައި އެ މަސައްކަތް ފެށި ކަމަށެވެ.
"އަޅުގަނޑުމެން މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި ޑީއާރްޕީން އެބަވޭ ލިޔެކިޔުންތައް ހުށަހަޅާފައި. އޭގައި ވާގޮތުން 2017 ވަނަ އަހަރު އެންމެ ފަހުން އެ ޕާޓީން ކޮންގްރެސް ބޭއްވީ. އެހެންވީމަ އެ މައްސަލަ ހައްލުވީ" ޝަރީފް ވިދާޅުވި އެވެ.