ޚަބަރު

‎ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް އިދިކޮޅުން ދިނީ "އެފް" ރިޕޯޓެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

‎ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރެން ދާއިރު ރައްޔިތުންނަށް ވައުދުވި ކަންކަން ކޮށްދެވިފައި ނުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

Ads by STELCO

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ސަރުކާރަށް ދެ އަހަރު ފުރުން މާދަމާ ފާހަގަ ކުރާތީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު،މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ވައުދު ނުފުއްދޭ ހާލަތުގައި ވައުދުތަކާ ހިލާފްވެ ވަޑައިގެންފި ކަމަށެވެ.

ރާއްޖޭގައި ބޮޑެތި މުންކަރާތްތައް އިތުރުވެ، ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން އާންމުވަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ލާދީނީ ފިކުރު ރާއްޖޭގައި ފެތުރުން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސް. ރައްޔިތުންނަށް ވީ ވައުދުތަކެއް ނުފުއްދޭ. މި ހާލަތުގައި އިސްވެ ދެންނެވި ހުރިހާ ސަބަބުތަކާ ހުރެ، މި ސަރުކާރަށް ދޭނީ އެފް ރިޕޯޓެއް. ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭ ނަމަ، ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިއުން."

އެމްޑީއެންއާއި އުތެމައިން ލާދީނީ ރިޕޯޓާ ދެކޮޅަށް ފިޔަވަޅު ނާޅައި ބައެއް ދީނީ އިލްމުވެރިން ރާއްޖެ އައުން ވެސް މަނާކުރީ އެ މަގްސަދުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސަރުކާރުން ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަތައް ނުބެލޭ ކަމަށް އިދިކޮޅުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!