ލައިފްސްޓައިލް

މީހަކު ދެކެ ލޯބިވާން ވާނީ އެމީހަކު ތިބާއާ ވަކިވެގެން ދިޔަ ނަމަވެސް ތިބާއަށް ސަލާމަތް ވެވޭ ވަރަށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯތްބަކީ ކަނު އެއްޗެއް ކަމަށް ކިޔާ އުޅެއެވެ. އެހެން ނަމަވެސް ،ލޯބި ކަނު އެއްޗަކަށް ވަނީ ކިހިނެއް ކަމެއް އެއްވެސް މީހަކު ބުނާ އަޑެއް އަޅުގަނޑެއް ނާހަމެވެ. ކޮންމެއަކަސް މިކަމާ ދޭތެރޭ ވިސްނާލީމާ އަޅުގަނޑަށް ވިސްނުނީ އެހެން އެއްޗެކެވެ. ލޯތްބަކީ ހަގީގަތުގައި ކަނު އެއްޗެއް ނޫނެވެ. ލޯބި ވުމުން ކަނުވަނީ އިންސާނާއެވެ. ލޯބީގެ އަވައިގައި ޖެހި ކަނު މީހަކަށް ބައެއް ފަހަރަށް އިންސާނާ ބަދަލުވާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.

Ads by STELCO

އިޝްގީ ލޯބީގައި ޖެހި ބައެއް މީހުން ކަނުވާ ކަމުގެ ހެކި ބައިވަރު ފެންނަން އެބަ ހުއްޓެވެ. އެމީހަކު ލޯބިވާ މީހާ ކިތަންމެ ގޯސް ކަމެއް ކުރި ކަމުގައި ވިޔަސް އެކުރާ ގޯސް ކަންތަކެއް އޭނާ އަކަށް ނުފެންނާނެއެވެ. އޭނާ އަށް އޭނާ ލޯބިވާ މީހާ ކުރާ ހުރިހާ ކަމަކީވެސް ރަނގަޅު ކަންކަމެވެ. މުސްކުޅިން ބުނެ އުޅޭ ފަދައިން، ރުހުމުގެ ލޮލަކަށް އައިބެއް ހަމަ ނުފެންނަނީއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ މަންޒަރަކީ ސުކޫލް ދައުރުންސުރެ ލޯބިވެރިން ހޯދާ މަންޒަރެވެ. އުމުރުން 13، 14 އަހަރުގެ ކުދިންވެސް މީހުންނާ ރައްޓެހިވެގެން އުޅޭ މަންޒަރެވެ. މިއަދު އަޅުގަނޑުމެންނަށް އެއީ މާބޮޑު ކަމެއް ނޫނެވެ. ނޯމަލް ކަމެކެވެ. ކޮންމެއަކަސް ދެމީހުން އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅެނީ އެތަކެއް އަހުދުތަކާއި ވައުދުތަކެއް ވެގެންނެވެ. އެތަކެއް ހުވަފެންތަކެއް އެކީގައި ދެކެމުންނެވެ.

އެތައް ހުވަފެންތަކަކާއި އުއްމީދު ތަކަކާއެކު ފަށާ ލޯބީގެ ދަތުރު ވަކި ހިސާބަކަށް ދާއިރަށް ދެމީހުންގެ ދޭތެރޭގައި މައްސަލަތައް ޖެހެން ފަށައެވެ. ދެމީހުން އެކަކު އަނެކަކަށް ދޭ ވަގުތު މަދުވާން ފަށައެވެ. ދެމީހުން އެކަކު އަނެކަކަށް ބަހައްޓާ އަހައްމިއްޔަތު މާ ބޮޑަށް ވެސް ކުޑަ ވާން ފަށައެވެ. ބައެއް ފަހަރަށް އެކަކު ކިތަންމެ ވަރަކަށް އަނެކާއާ ހެދި އުޅުނު ނަމަވެސް އަނެކާ އެއްވެސް ވަރަކަށް އަޅާނުލާ ހުރެފާނެއެވެ. އޭރުންވެސް ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ. އެއްް އަތް ހޫރިއަކަސް އަޑެއް ނުކިޔާނެތާއެވެ.

ދެމީހުންގެ ދޭތެރޭގައި މައްސަލަތައް ގިނަވެ ވަކި ހިސާބަކުން ދެމީހުންކުރެ ކޮންމެވެސް އެކަކު ގުޅުން ނިންމާލަން ބޭނުން ވެއެވެ. ކުރި ވައުދުތަކާއި އަހުދުތައް އުވާލާ ވަކިވާން ބޭނުން ވެއެވެ. އެހިސާބުން އަނެކާއަށް އެކަން ބަރުދާސްތެއް ނުކުރެވެއެވެ. އެހެނީ އޭނާ އަދިވެސް ލޯބިވާތީއެވެ. އޭނާ އަދިވެސް އެކުގައި އުޅެން ބޭނުން ވާތީއެވެ. ނަމަވެސް އޭނާ އެކަނި ބޭނުން ވެގެން އެ ގުޅުމެއް ކުރިއަކަށް ނުދާނެއެވެ.

އޭގެ ފަހުގައި ދެން ފެންނަ މަންޒަަރަކީ އޭނާ ދުނިޔެ މަތިން ފޫހިވެ ދިރިއުޅުން މަތިން ފޫހިވެ އާވާރާ ވެގެން އުޅޭ މަންޒަރެވެ. އަމިއްލަ ނަފްސަށް އަނިޔާކޮށް އުޅޭ މަންޒަރެވެ. އޭނާއާ އެކު ނޫޅެވޭ ނަމަ އަމިއްލަ އަށް މަރުވާން ބޭނުންވާ ކަމަށް ބުނާ މީހުންވެސް އުޅެއެވެ. ނުވަތަ ދިރިއުޅުމުގައި ދެން ކުރިއަށް ދާން ބޭނުން ނުވާ މީހުންވެސް އުޅެއެވެ. އެ ހިތާމައިގައި އެތައް ދުވަހަކު "ޑިޕްރެޝަން" ގައި އޭނާ ހޭދަ ކުރެއެވެ، ދިރިއުުޅުމުގައި އޭނާ ކުރަމުން ދިޔަ ކިތަންމެ ކަމެއް ހުއްޓާލާ، ދިރިއުޅުމުގައި ފުލް ސްޓޮޕެއް ޖަހަން އޭނާ ބޭނުންވެއެވެ.

މިއީ ކަންތައްތައް ވާން ޖެހޭ ގޮތް ބާވައެވެ. މި ސުވާލުގެ ޖަވާބަކީ ހަމަ ގައިމުވެސް ނޫނެކޭއެވެ. މީހަކު ދެކެ ލޯބިވާން ވެސް ވަކި މިންވަރެއް އޮންނަން ވާނެއެވެ. މީހަކު ތިބާއާ ވަކިވެގެން ދިޔަ ނަމަވެސް ތިބާގެ އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ ތިބާގެ މައްޗަށް ލިބިގެންވާ ހައްގެއް ނޫނެވެ. ތިބާގެ ހަށިގަނޑަކީ ﷲ ސުބްހާނަހޫ ވަތައާލާގެ މިލްކެކެވެ. އެކަލާނގެ ވަނީ އަމިއްލަ އަތުން އަމިއްލަ ނަފްސަށް އަނިޔާ ދިނުންވެސް ނަހީ ކުރައްވާފައެވެ. އެހެން ކަމަށް ވާއިރު ވަކި މީހަކު ވަކިވެގެން ތިބާ އަދި އަމިއްލަ ނަފްސަށް އަނިޔާ ދޭކަށް ނުޖެހެއެވެ.

ތިބާއާ އެމީހަކު ވަކިވި ނަމަވެސް އެއީ ތިބާގެ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އެކަން ތިބާ ދަންނަން ޖެހެއެވެ. ތިބާގެ ހުވަަފެންތައް ހަގީތަކަށް ހެދުމަށް އެޅޭ ހުރަހަކަށް އެކަން ނުހަދާށެވެ. ދިރިއުޅުމުގައި ތިބާ ކުރިއަށް ދިއުމުގައި އެޅޭ ހުރަހަކަށް ވެސް ނުހަދާށެވެ. އަބަދުވެސް ހަނދާން ކުރާށެވެ. މީހަކު ދެކެ ލޯބިވާން ވާނީ އެމީހަކު ތިބާއާ ވަކިވެގެން ދިޔަ ނަމަވެސް ތިބާއަށް ސަލާމަތް ވެވޭ ވަރަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!