ހުރިހާ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނަން: އެޑިއުކޭޝަން މިނިސްޓަރ

ތައުލީމީ ޤާނޫނުގެ ދަށުން ހުރިހާ ކުދިންނަށް ވެސް ލިބެން ޖެހޭ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިމަހުގެ 10 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ތައުލީމުގެ ގާނޫނާ ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސްކޫލުތަކާއި ޕްރައިވެޓް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް އެއްވަރެއްގައި ޙައްޤުތައް ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.
"ސަރުކާރުން ޕްރައިވެޓް ސްކޫލު ދަރިވަރުންނަށް އެހީތެރިކަން ފޯރު ކޮށްދެމުން މިދަނީ. ބައެއް ސްކޫލު ދަރިވަރުންނަށް ބޮލަކަށް ވާ ވަރަށް ލާރި ވެސް ދެމުން ދަނީ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ ތައުލީމުގެ ޤާނޫނާ ގުޅޭ ބިލު ތަސްދީގު ކުރުމުން އަދި ކިރިޔާ މަސައްކަތްތައް ފަށައިގަނެފައިވާ ކަމަށާއި އެ ޤާނޫނަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް އޮތް އޮނިގަނޑެއް ކަމަށެވެ.