މޭޔަރު ޝިފާ ވިދާޅުވީ މެންބަރު ފަޒީން ލޮނުޒިޔާރާތް ޕާކަށް ވަނީ "ލަދުހަޔާތް ކުޑަކަމުން" ކަމަށް!
މާލޭގެ ހެންވޭރު ކޮޅުގައި ތަރައްގީކޮށް ދާދި އިހަކަށްދުވަހު ހުޅުވި ލޮނުޒިޔާރާތް ޕާކަށް މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރ މުހައްމަދު ފަޒީން ވަދެވަޑައިގަތީ "ލަދުހަޔާތް ކުޑަ ކަމުން" ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ލޮނުޒިޔާރާތް ޕާކު ތެރޭގައި ޝިފާ އާއި ފަޒީންއާ ދެމެދު ދެކެވުނު ވާހަކައެއް ކަމަށް ބެލެވޭ އޯޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައ މޭޔަރު ޝިފާ ފަޒީންގެ ގާތުގައި ވާވަަރަށް ފޮޓޯ ނެގިއްޖެތޯ ސުވާލު ކުރައްވައެވެ. އެ ސުވާލަށް ޖަވާބު ދެމުން މެންބަރު ފަޒީން ވިދާޅުވީ އަދި މެލޭޝިއާއިން ގެނައި ގަސްތައް ނުފެންނަ ކަމަށެވެ.
ފަޒީންއަށް އެހެން ވިދާޅު ނުވެވެވެނީސް މޭޔަރު ޝިފާ ވިދާޅުވީ ގަސް ގެނައީ މެލޭޝިއާ އިން ނޫން ކަމަށެެެވެ. އެތަނުގައި ހުންނާނީ ސިންގަޕޫރާއި އިންޑޮނޭޝިއާ އާއި ޗައިނާއިން ގެނެސްފައިވާ ގަސްތައް ކަމަށެވެ. އަދި ނަސީމް ގާތުގައި ގޮސް އިންޑޮނޭޝިއާ ގަހާއި މެލޭޝިއާ ގަހަކީ ކޮބާތޯ އެއްސެވުމަށް މޭޔަރު ޝިފާ ފަޒީން އަށް ދެންނެވިއެވެ. އަދި އެއަށްފަހު އެޕާކަށް ފަޒީން ވަދެހުރީ "ލަދުހަޔާތް ކުޑަ ކަމުން" ކަމަށް މޭޔަރު ޝިފާ ވިދާޅުވިއެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ހިނގާތީ އާއި އަދި ކައުންސިލް ހިންގެވުމުގައި ޒިންމާ އަދާނުކުރެވޭތީ ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި ހިސާބުން ޝިފާއާއި ފަޒީންއާ ދެމެދު ދެބަސްވެ އަރާރުން އުފެދި މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޝިފާއާ ފަޒީންއާ ދެމެދު ދެކެވިފައިވާ ވާހަކަތައް ކަމަށް ބުނެވޭ އޯޑިއޯ ޓްވީޓާގައި ހިިއްސާ ކުރެއްވުމަށްފަހު މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އަލްހާން ފަހުމީ ވަނީ މޭޔަރު ޝިފާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެންމެ ރަނގަޅު ވާނީ ޝިފާ މަގާމުން އިސްތިއުފާ ދެއްވުން ކަމުގައިވެސް އަލްހާން ވިދާޅުވެފަައި ވެއެވެ.