ޑީއާރްޕީންނާއި ޔޮޓް ޓުއަރސްގެ މަގާމުތަކުން ބޮޗޭ އިސްތިއުފާ ދެއްވައިފި
ތިން މަޤާމަކުން ޢަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާ ދެއްވައިފިއެވެ.
ބޮޗޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޮޗް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯ ކަމުގެ މަޤާމުންނާއި، ޑީއާރްޕީގެ ނައިބު ލީޑަރ ކަމުގެ މަޤާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއެޓްގެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވައިފި ކަމަށެވެ.
އިސްތިއުފާ އާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ބޮޗޭ ވިދާޅުވީ، އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ހެދި ކަމަށާއި އިސްތިއުފާ ދެއްވީ ޔޮޓް ޓުއާސްގެ ކުންފުނިތަކުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ގުޅުންހުރި އެހެން މަޤާމުތަކުން ވެސް ވަކިވާން ނިންމެވީ ކަމަށެވެ.
"ދެންވެސް ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނީ އިދިކޮޅުގައި. ވިސްނުން ހުރީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި މާދަމާއިން ފެށިގެން އަނެއްކާ ވެސް ބައިވެރިވާން. ދެން އެހެން ސިޔާސީ ޕާޓީއަކާ ގުޅެންޏާ ގުޅޭނީ އަނެއްކާ ވެސް ޕީޕީއެމް އާ" ބޮޗޭ ވިދާޅުވިއެވެ.
ބޮޗޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހިންގަވާ ޑީއާރްޕީއާ އެމަނިކުފާނުގެ ކުންފުނިން އިސްތިއުފާ ދެއްވީ ޖާބިރުއާ އެއްވެސް ނުރުހުމެއް ނުވަތަ މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.
"ޖާބިރަކީ ހަމަ ބްރަދަރެއް!" ބޮޗޭ ވިދާޅުވިއެވެ.