އެމްޑީޕީ ޕީޖީން ފާސްކުރީ މިނިސްޓަރު އިމްރާންގެ އިތުބާރު އޮތް ކަމަށް
ހޯމް މިިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވަކި ކުރުމަށް އިދިކޮޅުން ހުށަހަޅާފައިވާ މައްސަލައަށް ތާއީދު ނުކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށްފިއެވެ.
އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި ނެގި ވޯޓުގައި ފާސްވީ އިމްރާން އަށް އިތުބާރު އޮތް ކަމަށާއި އޭނާ ވަކި ކުރަން ނުފެންނަ ކަމަށެވެ.
މި މައްސަލަ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެންބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
އިދިކޮޅުން އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ބުނެއެވެ. އަދި މަޖިލީހަށް އިތުރުފުޅު ހެދި ކަމަށް ބުނާ މައްސަލައިގައެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.