ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ބޭރުގެ ޤައުމަކަށް ކުރައްވާ 3 ވަނަ ދަތުރުފުޅަށެވެ. ހުވާ ކުރެއްވުމަށްފަހު ޑރ. މުޢިއްޒު ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެދަތުރުފުޅުގެ ތެރެއިން ޔޫއޭއީގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) އަށް ވަޑައިގެންނެވިއެވެ.
ރައީސްގެ ދަތުރުފުޅެއް ޗައިނާއަށް ކުރައްވަން ނިންމެވިއިރު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެއީ، އެ ގައުމުގައި ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.






ކޮމެންޓް