ޚަބަރު

މޭޑޭގައި ގެންގުޅުނީ ރިޟްވާން މައްސަލައިގެ ކޮޕީއެއް: މިނިސްޓަރު އިމްރާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޭޑޭ މުޒާހަރާގައި ގެންގުޅުއްވީ ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގެ ހެކިތަކުގެ ކޮޕީއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނިމިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައި ވަނީ އޭރުގެ އިދިކޮޅުން 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި ހައްޔަރު ކުރެވުނުއިރު، ރިޟްވާންގެ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ފުލުހުން ނަގާފައިވާ ކަމަށެވެ. އަދި އެހެކިތައް ނެގި ފުލުހުން ހޯދުމަށް ކުރަން ޖެހޭނީ ތަހުގީގެއް ކަމަށާއި މިހާރު ވެސް އެތައް ތަހުގީގުތަކެއް ކުރިއަށް ދާ ކަމަށް ވެސް އެދުވަހު މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

ނަމަވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެ ކަރުދާސްތަކަކީ އަސްލުތޯ މީހަކު ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ އެއީ އަސްލެއް ނޫން ކަމަށެވެ.

މަޖިލިސް ޖަލްސާއަށް މިއަދު އިމްރާން ހާޒިރުކޮށް އޭނާގެ އިތުބާރު ނެތްކަމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަމިއްލަ ދިފާއުގައި ވިދާޅުވީ، އެގޮތަށް އެހެން ވިދާޅުވީ އެދުވަހު ގެންގުޅުއްވީ އަސްލު ކަރުދާސްތަކުން ނަގާފައިވާ ކޮޕީއެއް ކަމަށް ދެންނެވުމުގެ މާނައިގައި ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި އޭރުގެ ސަރުކާރުގެ އަމުރަށް އެ ކަރުދާސްތައް ނަގާފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

  1. ޙަސަނޭ

    މިޝޭހަށް ކިތައް އަނގަ ދެއްވިބާ؟ މިއީ ފަހުޒަމާނުގެ ޢަލާމާތެއް!!!