ޚަބަރު

މާމެންދޫ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާވޭ ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފެނުގެ ނިޒާމުގެ ސާވޭ ކުރުމުގެ ތެރެއިން- ފޮޓޯ: މާމެންދޫ ކައުންސިލް

ހައްދުންމަތީ މާމެންދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާމެންދޫގައި ފެނުގެ ނިޒާމެއް ގާއިމުކުރުމުގެ ސާވޭ ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ޙުސައިން ހަބީބު ޢަލީ ވިދާޅުވީ، ފެނުގެ ނިޒާމު ގާއިމުކުރުމުގެ ސާވޭ އިއްޔެގެ ވަގުތެއްގައި ފަށާފައި ވަނީ އެ މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނީގެ ސާވެޔަރުން މާމެންދޫއަށް ގޮސް،ކަމަށެވެ.

މަޝްރޫއު ހަވާލުކޮށްފައިވާ ޖޭއެމްސީގެ ނައިބުރައީސްއާ ހަވާލާދީ، ކައުންސިލްގެ ރައީސް ހަބީބު ވިދާޅުވީ، މިވަގުތު ކުރިޔަށް ދަނީ ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ކަމަށާއި، އަންނަ އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ، މާމެންދޫގެ ފެން މަޑުމަޑުން ތަޣައްޔަރު ވަމުންދާއިރު ފެނުގެ ނިޒާމެއް ގާއިމުވުމަކީ މާމެންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ހަބީބު ވިދާޅުވީ، ރައީސް ޞާލިހުގެ ސިޔާސަތުގެ ތެރެއިން ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ހިމެނި އެ މަސައްކަތް މާމެންދޫގައި އަންނަ އަހަރުގައި ފެށިގެން ދާއިރުގައި، މި މަސައްކަތް އަވަހަށް ފަށާ، ފެނުގެ ޚިދުމަތް ލިބިގެން ދިޔުމަކީ ރަށުގެ ރައްޔިތުންގެ އުންމީދެއް ކަމަށެވެ.

ހަބީބު ވިދާޅުވީ އަންނަ އަހަރަކީ މާމެންދޫއަށް ގިނަ މަޝްރޫއުތަކެއް އަންނާނެ އަހަރެއް ކަމަށާއި، ކޮންމެ މަޝްރޫއަކަށް ވެސް ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!