ބުރެވި ތޫފާނާއި ގުޅިގެން ރާއްޖެ އަށް ހުދު ސަމާލު ނެރެފި

ތޫފާން ބުރެވިއާ ގުޅިގެން ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ހުދު ސަމާލު ނެރުނީ އެ ސަމާލު ދަރަޖަ ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށެވެ. ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ (މެޓް) އިން ނެރުނު ހުދު ސަމާލުގައި ވަނީ ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުގައި ކަމަށެވެ.
އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ ހުޅަނގު-ހުޅަނގު އުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށް ސަމާލުގައި ވެއެވެ.
ރޭގެ ވަގުތެއްގައި ބުރެވި ތޫފާން ވަނީ ސްރީލަންކާއަށް އަރާފައެވެ. ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ތޫފާން އަރާފައިވާ ސަރަހައްދަށް 80 މޭލާއި 90 މޭލާ ދެމެދުގައި ވައި ޖެހެމުން ދިޔައެވެ.
އަދި ކުރިއަށް އޮތް 4 ވަރަކަށް ދުވަހާ ހަމައަށް ތޫފާނުގެ އަސަރު ދަށް ނުވާނެ ކަމަށް ސްރީ ލަންކާގެ މެޓުން ވަނީ ބުނެފައެވެ.