ބަޣާވާތް ކުރާ ފުލުހުންގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް ބިލް އެކުލަވާލައިފި

ފުލުހުންގެ ތެރެއިން ބަޔަކު އިސްވެގެން ސަރުކާރު ވައްޓާލަން ބަޣާވާތް ކުރަން މަސައްކަތް ކުރާނަމަ އަދި އެކަން ކޮށްފި ނަމަ ވެސް ވަކިވަކިން ކޮންމެ ފުލުހެއްގެ މައްޗަށް ވަކި ކުށެއް ގޮތުގައި ދައުވާ ކުރެވޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ބިލް ދިރާސާކޮށް އެކުލަވާލި ބިލުގެ ރިޕޯޓްގައި ފުލުހުންގެ ކުށްކުށާ ގުޅޭ ވަކި ބާބެއް ހިމަނާފައިވާއިރު، ފުލުހުންގެ ތެރޭގައި ބަޣާވާތް ކުރުމަކީ ކުށެއްގެ ގޮތުގައި އެ ބިލުގައި ބަޔާން ކޮށްފައި ވެއެވެ.
މިބިލް މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އަދި މި ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވުނު ކޮމިޓީ ރިޕޯޓުގައި ވާގޮތުން ފުލުހުންގެ ތެރޭގައި ނުވަތަ އެހެން ވެސް ބަޔަކާ ބައިވެރިވެގެން ބަޣާވާތް ކުރަން މަސައްކަތް ކުރުމަކީ ވެސް އަދި ބަޣާވާތް ކުރުމަކީ ވެސް ގާނޫނީ ކުށެކެވެ. ބަޣާވާތަށް ހިތްވަރު ދިނުމާއި އެހެން ބަޔަކު ބަޣާވާތް ކުރަން ރާވަމުންދާ ކަން އެނގިހުރެ ފުލުހަކު އެކަން ސިއްރު ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވެއެވެ.