މުޅި ދުނިޔޭގެ ކަޅިތައް ހުއްޓިފައިވަނީ އިންޑިއާއަށް: މޯދީ

ކޮވިޑް-19ގެ ވެކްސިން ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭގައި އިންޑިއާއަށް ލިބޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބުނެފިއެވެ.
އޯލް ޕާޓީގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯދީ ބުނީ ކަމާބެހޭ ފަރާތްތަކުން ހުއްދަދިންހާ އަވަހަކަށް ކޮވިޑް-19ގެ ވެކްސިން އިންޑިއާގައި ދޭން ފަށާނެ ކަމަށާއި ވެކްސިންގެ އަގާ މެދު ސެންޓްރަލް ގަވަމެންޓާއި ސްޓޭޓް ގަވަމެންޓާ މެދު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނެއް ތައްޔާރު ކުރުމުގައި ސައިންޓިސްޓުން ކޮންމެ ދުވަހަކުވެސް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރަމުން މޯދީ ބުނެފައިވަނީ ރަނގަޅު ވެކްސިނެއް ދެތިން ހަފްތާ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
އެންމެން ވެސް އަގުހެޔޮ އަދި ރައްކާތެރި ވެކްސިން ބޭނުންވާތީ، މުޅި ދުނިޔޭގެ ކަޅިތައް އިންޑިއާއާ ދިމާލަށް ހުއްޓިފައިވާ ކަމަށް ވެސް މޯދީ ބުނެފައިވެއެވެ.
ދެތިން ހަފްތާ ތެރޭގައި ވެކްސިން ލިބުނު ކަމުގައިވީ ނަމަވެސް، ވެކްސިން ދިނުމުގައި ހައި ރިސްކު މީހުންނަށް އަހައްމިއްޔަތުކަން ދޭނެ ކަމަށް ވެސް އިންޑިއާގެ ބޮޑު ވަޒީރު ބުނެފައިވެއެވެ.