ޚަބަރު

މީގެ ދެ ދުވަސް ކުރިން އަޅުގަނޑާއި ދިމާލަށް ފިރިހެނަކު އެއްޗެހި ކިޔައި، ފޮށުނު: ޝެއިޚް ޒައިދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަގުމަތިން މީހުންނާ ފޮށުމަކީ މިހާރު ވަރަށް އާއްމުވެއްޖެ ކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝެއިޚް ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސް މީހުންނާ މަގުމަތިން ފޮށުމަކީ މިހާރު ވަރަށް އާއްމުވެއްޖެ ކަމެއް ކަމަށާއި، މީގެ ދެ ދުވަހެއް ކުރިން ހުޅުމާލެއިން ފިރިހެނަކު އޭނާއާ ވެސް ދިމާ ކުރި ކަމަށެވެ.

"މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑު ހުޅުމާލޭ ތެރޭގައި ސައިކަލުގައި ދަނިކޮށް އަޅުގަނޑާ ވެސް ފިރިހެނަކު އެއްޗެހި ކިޔައި ފޮށުނު! އަޅުގަނޑު ދެކެނީ މިގޮތަށް ފޮށިހަދާ މީހުންނަކީ އަޚްލާޤު ދަސްކުރަންވީ ބައެކޭ" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ ރައީސް އޮފީސް ކައިރިން ބޭރުމަގުން ހިންގަވާފައި ދަނިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އަންހެނަކު ދިމާކޮށް ފޮށޭ މަންޒަރެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ ހާދިސާގެ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އާންމުވެފައިވާއިރު އެވީޑިއޯއިން ފެނިގެންދަނީ ސައިކަލެއްގައި ދިޔަ އަންހެނަކު، މިނިސްޓަރު އިމްރާންއާ އަރާހަމަކޮށް، އެއްޗެހި ގޮވާ މަންޒަރެވެ. އަދި އެވަގުތު މިނިސްޓަރުގެ އަރިހުގައި ސެކިޔުރިޓީން ތިބި މަންޒަރު ވެސް ފެނިގެންދެއެވެ.

އެއަންހެން މީހާ ދުރުކުރުން ފަދަ ކަމެއް ސެކިޔުރިޓީން ކޮށްފައެއް ނުވެއެވެ. އަދި މިނިސްޓަރު އިމްރާން ވެސް އޭނާއަށް ރައްދު ދޭ މަންޒަރެއް ވީޑީއޯ އިން ފެނިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!