މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ކަންނެލި ދޯނިފަހަރުގެ ދޯނި ބުރެއް!

މިއަދު ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، ކަންނެލި ދޯނި ފަހަރުން މާލޭ ވަށާއި ދޯނި ބުރެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މަސްވެރިންގެ މި ދޯނި ބުރާ ގުޅޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާ ދުވަހަށްވާއިރު މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައި ކަަމަށެވެ.
އެގޮތުން ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތައް ދުވަހެއް ނެގުމާއި، ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަން އެ ޔޫނިއަން އިން ވަނީ ފާހަގަކޮށްފައެވެ.
އެ ޔޫނިއަން އިން އިތުރަށް ބުނީ މި ދޯނިބުރުގެ އަމާޒަކީ ދިވެހިންގެ މި ސިނާއަތް މަދުބައެއްގެ އަތްދަށުވެ ސިނާއަތް ނެތި ދިއުމުގެ ކުރިން މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
މިއަދު 11:30 ކަންހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ދޯނި ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދިމާލަށް މަޑުކުރުމަށްފަހު ޝުޢޫރު ފާޅުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.