ކޮވިޑް-19: އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި ވެކްސިން ޖަހަން ފެށޭނެކަމަށް އުންމީދު ކުރެވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއަށް ގެންނަ ވެކްސިން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުުގައި ޖަހަން ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ގެނައުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު އެސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވީއެންމެ އަވަހަކަށް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވެކްސިން ޖަހަން ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"ވީއެންމެ އަވަހަކަށް ވެކްސިން ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް، ފުރަތަމަ ގްރޫޕުތަކަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.