ކޯވިޑް-19 ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ ކެޓަގަރީގައިވާ މީހުންގެ މަޢުލޫމާތު އެއްކުރަނީ
ކޯވިޑް-19 ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ ކެޓަގަރީގައިވާ މީހުންގެ މަޢުލޫމާތު އެއްކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު އަތޮޅުތަކުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މާލޭގައި މިމަސައްކަތް ފެށުުމުން އާންމުކޮށް ޢިއުލާން ކުރައްވާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންދޭ މީހުންގެ ތެރެއިން ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ފްރަންޓްލައިން ހެލްތު ކެއާރ ވޯކާރސް އާއި ސޯޝަލް ކެއާރ ވޯކާރސް ކަމަށެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންގެ އިތުރުން ހޮސްޕިޓަލު ތަންތަން ސާފުކުރާ މީހުންނާއި ހޮސްޕިޓަލު އެޓެންޑަންޓުން ހިމެނޭ ކަމަށް ވެސް އެޗްއޯސީން ބުނެއެވެ.
މީގެ އިތުރުން ދެން ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނަށާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ވެކްސިން ޖެހުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާބާދީގެ %20 އަށް ހިލޭ ވެކްސިން ލިބޭނޭ ގޮތް މިހާރު ހަމަޖެހިފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މުޅި އާބާދީއަށް އެއްފަހަރާ ދެވޭ މިންވަރަށް އަދި ވެކްސިން ނުލިބުނު ކަމުގައި ވިޔަސް ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ދިނުމަށް އަތޮޅުތަކާއި މާލެ ތައްޔާރީ ޙާލަތަކަށް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.