ދުނިޔެ

58 މިނެޓު ތެރޭގައި 46 ކާނާ ތައްޔާރުކުރާ 10 އަހަރުގެ ކުއްޖެއް، ދުނިޔޭގެ ރެކޯޑެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާ:ތަމިލްނާޑޫ އަށް ނިސްބަތްވާ އުމުރުން އެންމެ 10 އަަހަރުގެ އަންހެން ކުއްޖެއް 58 މިނެޓު ތެރޭގައި ތަފާތު 46 ވައްތަރެއްގެ ކާނާއެއް ތައްޔާރުކޮށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. 

Ads by Sosun Fihaara

"ސައި ލަކްޝްމީ ސިރި" ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަކީ އަބަދު ވެސް ކެއްކުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމާއި، އޭނާ ކައްކަން ދަސްކުރީ އޭނާގެ މަންމަ ގާތުން ކަމަށް ބޭރުގެ ޚަބަރަކަށް ސައި ލަކްޝްމީ ދީފައި ވާ އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ. އަދި އޭނާ އަށް ހާސިލްވި އެ ކާމިޔާބީއާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ވަރަށް އުފާވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. 

ސައި ލަކްޝްމީ ގެ މަންމަ ބުނެފައިވާ ގޮތުގައި، ސައި ލަކްޝްމީ، ކެއްކުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނަ ކަމުގައި ވީ ނަމަވެސް ކައްކަން ދަސްކުރީ ކޮވިޑު-19 އާ ގުޅިގެން އައި ފުރަބަންދުގައެވެ. އަދި އެހާއިރުން ފެށިގެން ވެސް އޭނާ ހިތުލައިގެން ހުރީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދަން ކަމަށް ސައި ލަކްޝްމީގެ ބައްޕަ ވަނީ ފާހަގަ ކޮށްފައެވެ. އަދި ދަރިފުޅު ހޯދި ކާމިޔާބީއާ ދޭތެރޭ އެ ދެމީހުން ވެސް ހިތްހަމަޖެހޭ ކަމަށާއި، ދަރިފުޅާ މެދު ފަޚުރުވެރި ވާކަމަށް ވެސް ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!