ދާންދޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި 3 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ގއ. ދާންދޫގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން އަހަރުގެ ކުޑަ ކުއްޖާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ކުއްޖާ މާލެ ގެނެސްފައި ވަނީ ގއ.ވިލިގިނލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި ތުއްތު އަންހެން ކުއްޖާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ދާންދޫ ހޮސްޕިޓަލްގައެވެ.
އެކްސިޑެންޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް ޒަޢީމު ވިދާޅުވީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑެއްގައި އެސައިކަލު ދުއްވާފައި ދިޔުމުން ކަމަށާއި، ސައިކަލުން ޖެހުނު ކުޑަ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަަމަށެވެ.
"ސައިކަލު ދިޔައީ ވަރަށް ބާރަށް ދުއްވާފަ. މިރަށުގެ ބޭރުމަގުން، ފުދޭ ވަރަކަށް ބާރަށް، ރަށުގެ ދެކުނުން އުތުރަށް ދުއްވަމުން ދިޔައީ. އެކްސިޑެންޓު ހިނގީ އެމަގުގެ ނިމޭ ހިސާބުގައި. އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ކުއްޖާގެ ގެ ވެސް ހުންނަނީ އެމަގުގައި އިން ވެގެން ކަހަލަ ގޮތަކަށް. ފާރެއް ވެސް ނުހުންނާނެ. ދުއްވާފަ ދިޔަ މީހާއަށް ފެންނަން ވާނެ އެތަނުން އެއްވެސް މީހަކު ނިކުންނަ ކަމަށް ވަންޏާ ވެސް. އެކަމަކު ދުއްވާފަ ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ގޮސް އެކުޑަ ކުއްޖާ ގައިގައި އެޖެހުނީ" ޒަޢީމް ވިދާޅުވިއެވެ.