މުޒާހަރާކޮށްގެން ސުލޫކީ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އިސް މެޖިސްޓްރޭޓްކަން ދީފި!
 
                                                        ހދ. އަތޮޅުގެ މެޖިސްޓްރޭޓެއް ކަމަށްވާ އަލީ އާދަމުގެ މައްޗަށް ސީރިއަސް ސުލޫކީ މައްސަލަތަކެއް އުފުލި އެކަން ތަހުގީގު ކުރަމުން ދަނިކޮށް އޭނާއަށް ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު ދީފިއެވެ.
ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓު ކަމަށް އަލީ އާދަމް އައްޔަން ކުރަން ނިންމާފައިވާ ކަން ޖޭއެސްސީން ހާމަކޮށްފައި ވަނީ މިއަދުއެވެ. ހދ އަތޮޅުގެ އިތުރުން ވެސް އިތުރު 3 ދާއިރާއަކަށް ވަނީ އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފައެވެ.
އަލީ އާދަމް ގެ މައްޗަށް ކުރެވޭ ސުލޫކީ މައްސަލަތައް ތަހުގީގު ކުރަމުން އަންނަކަން ޖޭއެސްސީން ހާމަކުރީ މިދިޔަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
3 ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ތަހުގީގީ ކޮމިޓީ އެކުލަވާލެވުނު ކަން ހާމަކޮށް އެދުވަހު ޖޭސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް، ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
 
   
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
