ކޮވިޑް-19 ގެ އާ ވޭރިއަންޓު އިންޑިއާއިން ވެސް ފެނިއްޖެ

އިނގިރޭސިވިލާތުގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް އަވައްޓެރި އިންޑިއާއިން ވެސް ފެނިއްޖެއެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓު އެގައުމުގެ ތިން މީހެއްގެ ގައިން ވަނީ ފެނިފައެވެ.
މި ހަ މީހުންނަކީ ވެސް އިނގިރޭސިވިލާތުން އެގައުމަށް އެނބުރި އައި 6 މީހުން ކަމަށާއި މި މީހުން މިހާރު އައިސޮލޭޓު ކުރެވިފައިވާ ކަމަށް ވެސް އެގައުމުގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވޭރިއަންޓާ ގުޅިގެން އެގައުމަށް ކުރާ ދަތުރުތައް އިންޑިއާއިން ހުއްޓާލި ނަމަވެސް އޭގެ ކުރިން 30 ހާހަށް ވުރެ ގިނަ މީހުން ވަނީ އިނގިރޭސިވިލާތުން އެގައުމަށް އެތެރެ ވެފައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި ކޮވިޑް ގެ މި އާ ވޭރިއަންޓް އިނގިރޭސިވިލާތުން ފެނިފައި ވާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މިއީ އާއްމުކޮށް ފެތުރިފައިވާ ކޮވިޑަށްވުރެ މާ ހަލުވިކަމާއެކު ފެތުރޭ ވައްތަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން އާދައިގެ ކޮވިޑް-19 އަށްވުރެ 70% އިތުރަށް މިބަލި ފެތުރޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.