ނިހާނަށް ދައުވާކޮށް ކޯޓަށް ފޮނުވައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނިހާންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ނިހާން ރާއްޖެއިން ބޭރަށް ދިއުން ހުއްޓުވައި އޭނާގެ ޕާސްޕޯޓު ވެސް ވަނީ މީގެ ކުރިން ހިފަހައްޓާފައެވެ. ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން އުޅޭ ކަމަށް ފުލުހުން ތުހުމަތު ކޮށްފައި ވެއެވެ.
ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުއަށް ވެސް ވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.