ޚަބަރު

ރުޤްޔާ ކުރުމުގެ ނަމުގައި ރޭޕްކޮށް، އަނިޔާކުރި މައްސަލައިގައި ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ރޭޕްކޮށް އަދި އެކިވަރުގެ އަނިޔާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަ ކޮށްފިއެވެ.

Ads by Hajj Corporation

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށް، ދައުވާ ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާޢީލް ވަޙީދުގެ މައްޗަށާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ.

މިމީހުންގެ ވަނަވަރު ހާމަ ކުރުމުގެ އިތުުރުން ފުލުހުން ވަނީ އެމީހުންނަށް ކޮށްފައިވާ ދައުވާތައް ވެސް ހާމަ ކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، މި އަހަރުގެ ޖޫން މަހުން ފެށިގެން އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް އެކި ދުވަސްމަތިން ވަހީދު އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އޭނާ އެގެއަށް ގެނައި އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން ވަހީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ވަހީދު ގެ މައްޗަށް މިމައްސަލައިގައި އުފުލާފައިވާ ދައުވާތައް:

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓު ނުކުރުމުގެ ކުށުގެ ދަޢުވާ.
  • ގައިގާ އަތްލުމުގެ ކުށުގެ 2 ދަޢުވާ.
  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދަޢުވާ.

އަސީލުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ.
  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
  • ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ.

މިމައްސަލައާ ގުޅޭގޮތުން މީގެ ކުރިން ފުލުހުން ބުނެފައި ވަނީ، މިމައްސަލައިގައި މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 22:30 ގައި އުމުރުން 39 އަހަރުގެ މީހަކު ހައްޔަރު ކުރިއިރު އުމުރުން 24 އަހަރުގެ މީހަކު އޭގެ އަނެއް ދުވަހު ހެނދުނު 9:51 ގައި ހައްޔަރު ކުރި ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރި އުމުރުން 39 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާއިރު، 24 އަހަރުގެ މީހާ އަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!