ޚަބަރު

ދެއްވަދޫ ކްލަސްޓަރ: ބަލިފެތުރުނީ ކަރަންޓީނުގައި ތިބި މީހުންގެ ފަރާތަކުން ނޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރުނީ ކަރަންޓީނުގައި ހުރި މީހާގެ ކިބައިން ކަމަށް މިހާރު ނުބެލެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން  ބުނެފިއެވެ.

Ads by Hajj Corporation

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށުގައި ބަލި ފެތުރެމުންދަނީ ކަރަންޓީނުގައި ހުރި ފަރާތުގެ ކިބައިން ކަމަށް ކުރިން ހީވިޔަސް މިހާރު އެގޮތަށް ނުބެލެވޭ ކަމަށެވެ. އަދި ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށާއި ބަލި ފެތުރުނު ގޮތް އަދިވެސް ހޯދަމުން އަންނަ ކަމަށެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންއިން މިހާތަނަށް އެނގުނު ގޮތުގައި އެރަށުގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"މިއީ ސީދާ ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ އެމީހާގެ ފަރާތުން އެހެން މީހުންނަށް ފެތުރުނު ކަމެއްގެ ބަދަލުގައި ރަށުތެރޭގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސްވެގެން ރަށުތެރޭގައި ދުވަސްކޮޅެއް ވަންދެން ބަލި ސާކިއުލޭޓް ވަމުން ޓްރާންސްމިޓް ވަމުން ދިޔަކަން މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ފެންނަން އޮތީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގއ. ދެއްވަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އުފެދުނު ކްލަސްޓާއިން ފައްސިވީ މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެޗްއީއޯސީން ބުނެފައި ވަނީ ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށުން ޑައިރެކްޓް ކޮންޓެކްޓްވި 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ދެއްވަދޫން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މީހުންގެ ތެރެއިން 40 މީހުންނަކީ ހައިރިސްކް މީހުންނެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ހޯމްކަރަންޓީންގައި ހުރި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!