ދުނިޔެ

ޖަޕާނުގެ މުސްލިމު އާބާދީ ޑަބަލްވެ،ބޮޑެތި ބަދަލުތަކެއް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޖަޕާނުގެ މުސްލިމުންގެ އާބާދީ ވޭތުވެދިޔަ 10 އަހަރުގެ ކުރިއަށްވުރެ ޑަބަލްވެ ، އެގައުމުގެ ގިނަ ކަންކަމަށް ބަދަލު އަންނަމުން އެބަދެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2010 ވަނަ އަހަރު ޖަޕާންގެ މުސްލިމު އާބާދީއަކީ 110،000 އެވެ. ނަމަވެސް 2019 ވަނަ އަހަރު ނިމުނުއިރު މިއަދަދު ވަނީ ޑަބަލްވެ 230،000 އަށް އަރާފައެވެ. މީގެ ތެރޭގައި އެހެން ދީންތައް ދޫކޮށް އިސްލާމްދީން ގަބޫލުކުރި 50،000 އެއްހާ ޖަޕާނުގެ ރައްޔިތުން ހިމެނެއެވެ.

މި އަދަދުތަކާއެކު ޖަޕާނުގައި މިސްކިތްތައް ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 110 މިސްކިތް މިވަގުތު ޖަޕާނުގައި އެބަހުއްޓެވެ. ޖަޕާނުގެ ބެއްޕޫ މުސްލިމު އެސޯސިއޭޝަނުން ފާހަގަ ކުރާ ގޮތުގައި މިހާރު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މަރުވާ މުސްލިމުން ވަޅުލުމުގެ ޖާގައިގެ މައްސަލައެވެ. މި ކަމަށް ހައްލެެއް ހޯދުމަށް ގަބުރުސްތާނެއް ބިނާ ކުރުމަށް އެ ޖަމްއިއްޔާއިން ވަނީ 70 މިލިއަނެެއްހާ ޖަޕަނީސް ޔެން އެއްކޮށްފައެވެ.

މުސްލިމުންގެ އާބާދީ އިތުރުވަމުން ދިޔުމާއެކު އެގައުމުގެ މަދަރުސާތަކާއި ޑޭކެއާ ތަކުގައި މުސްލިމުންނަށް ހަލާލު ކެއުން ފޯރުކޮށް ދިނުމަށް މުނިސިޕަލް ކައުންސިލްތަކުން ދަނީ ބާރު އަޅަމުންނެވެ. އެގޮތުން ޑޭކެއަރ ސެންޓަރެއްގައި އޫރުމަހާއެކު ތައްޔާރުކޮށްފައިވާ ފުރައިޑް ނޫޑްލިސްއެއް ކާންދިނުމާއެކު ޑޭކެއަރ ސެންޓަރަކުން ކުއްޖަކު ވަކިވި ހާދިސާއާ ގުޅިގެން ޗޮކައިޗީގެ މުނިސިޕަލް ގަވަރމަންޓުން ބުނެފައި ވަނީ މުސްލިމުންގެ އާބާދީ އިތުރުވަމުން ދިޔުމާއެކު މިފަދަ ކަންކަމަށް ރަނގަޅު އުސޫލުތަކެއް ކަނޑައަޅާ މިންގަނޑުތަކެއް އެކަށައަޅަން ޖެހޭ ކަމަށެވެ.

1920 ވަނަ އަހަރު އިސްލާމްދީނުގެ ނޫރު ފެތުރުނު ޖަޕާނުގެ އިތުރުވަމުންދާ މުސްލިމް އާބާދީއާއެކު މުސްލިމުންނަށް މަލާމާތާއި ފުރައްސާރަ ވެސް ކުރިމަތި ވެއެވެ. ނަމަވެސް ޖަޕާނުގެ މުސްލިމުން ފާހަގަ ކުރާ ގޮތުގައި އެފަދަ ކަންކަން ހުރި ނަމަވެސް އެ ގައުމަކީ މުސްލިމުން ދިރިއުޅެން އަރާމު އަދި ފަސޭހަ ގައުމެކެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!