ދަރިފުޅުގެ އުފަލަށްޓަކައި އައްޒަ ޕީއެސް5 އެއް ގަނެދީފި
ރާއްޖޭގެ ކުޅާދާނަ ފިލްމީތަރި މަރިޔަމް އައްޒަ އަކީ އޭނާގެ އާންމު ދިރިއުޅުމުގެ ގިނަ ކަންކަން މީސްމީޑިއާ ގައި ހިއްސާ ކުރާ ފަންނާނެކެވެ. ޚާއްސަކޮށް އިންސްޓަގްރާމް ސްޓޯރީގައެވެ. އެކަން އެފަދައިން ނުކުރަންވީ ސަބަބެއް ވެސް ނެތެވެ. އައްޒަ އަކީ ވެސް ހަމަ އާންމު ފަރުދަކަށްވުމުން، އޭނާގެ ވެސް އަމިއްލަ ދިރިއުޅުމެއް ވާނެއެވެ.
އައްޒަގެ ދިރިއުޅުމާ ބެހޭގޮތުން މިފަދައިން ކަންކަން ހިއްސާ ކުރުން ހަގީގަތުގައި ވެފައިވަނީ އޭނާ އާއި އޭނާގެ ފޭނުންނާ އިތުރަށް ގާތް ވެސް ކޮށްދޭ ކަމަކަށެވެ. އެގޮތުން ވަރަށް ފަހުން ވެސް އައްޒަ މިވަނީ އޭނާގެ ދިރިއުޅުމުގެ ވަރަށް ޚާއްސަ ވަގުތުކޮޅެއް ހިއްސާ ކޮށްފައެވެ. އައްޒަ އެންމެ ލޯބިވާ، އޭނާގެ އަދި ހުރި ހަމައެކަނި ދަރިފުޅު އީތަން އަށް އައްޒަ ވަނީ އަގުބޮޑު ޕީއެސް5 އެއް ގަނެދީފައެވެ.
އިތަން އަށް ހަދިޔާކުރި ޕީއެސް5 ކައިރީގައި އޭނާ ވަރަށް އުފާވެރި ހިނިތުންވުމަކާއެކު ހުއްޓިގެން ހުރި ފޮޓޯއެއް އައްޒަ ވަނީ އޭނާގެ އިންސްޓަގްރާމް އާއި ސްނެޕްޗެޓް ސްޓޯރީގައި ހިއްސާ ކޮށްފައެވެ. ފޮޓޯގެ ތިރީގައި ލިޔެފައިވަނީ ދަރިފުޅުގެ އުފާވެރި ހިނިތުންވުމަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭނެ ކަމަށެވެ.
މިއީ މައްސަލައެއް ނޫނެވެ. ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިން އުފާވާން ބޭނުން ވާނެއެވެ. އަދި އެކަމަށްޓަކައި އެމީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެއެވެ.
ފިލްމީތަރި އައްޒަ އަބަދުވެސް ފާހަގަ ވެފައިވަނީ ވެސް އޭނާ ލޯބިވާ، އަދި އޭނާއާއި ގާތް އެންމެންނަށް ވެސް މިފަދައިން ހަދިޔާދޭ ބަޠަލާއެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ ފިރިމީހާ ޢަބްދުﷲ މުޢާޒް ގެ އުފަން ދުވަހު އޭނާއަށް ވެސް އައްޒަ ވަނީ ކުލަގަދަ އެހެންނަމަވެސް "ސިމްޕަލް" ސަޕްރައިޒް ބީޗް ޕާޓީއެއް ވެސް ދީފައެވެ. މީގެއިތުރުން މުއާގެ ދަރިފުޅު (އައްޒަ ވެސް އަމިއްލަ ދަރިއެއް ފަދައިން ގެންގުޅޭ) ރޫބީ އަށް ވެސް އައްޒަ ހަދިޔާދީ، އީތަން އާއި ދެކުދިން ގޮވައިގެން އުފާވެރި ވަގުތު ހޭދަ ކުރާތަން ވެސް ފެނެއެވެ. މުއާގެ އާއިލާއާއި އައްޒަގެ ގާތް އެކުވެރިންނާއި ވެސް އައްޒަ ހަމަ އެފަދައިން ގާތްކަން ބަހައްޓައެވެ.