ހައްޖު ކޮންފަރެންސަށް އަލްސަފްވާގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހައްޖާއި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަލް ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންދާރު ބިން އަބްދުﷲ އަލްރަޖުހީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަލް ސަފްވާއަކީ ހައްޖާއި އުމްރާއާ ގުޅޭ ސައުދީގެ ވަރަށް ބޮޑު ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ ޗެއާމަން ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ހައްޖާ އުމްރާގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ހައްޖު އުމްރާ ކޮންފަރެންސް ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި ދެވަނަ ކޮންފަރެންސް އަންނަ ބުދަ ދުވަހު ފަށަން ވަނީ ތާވަލުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގެ މަގުސަދަކީ އުމްރާގެ ހިދުމަތްދޭ ކުންފުނިތަކާއި ކަމާ ގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ހައްޖާއި އުމްރާގެ އަޅުކަމާއި ގުޅުން ހުރި ހިދުމަތްތައް ފުޅާކޮށް، އުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މައުލޫމާތުތައްދީ މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކުރުން ކަމަށެވެ.
އެ ކޮންފަރެންސް ރާވައިލައިފައި ވަނީ ހައްޖާއި އުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. ޕެނަލް ޑިސްކަޝަންތަކުގައި ހައްޖާއި އުމްރާއާއި ގުޅުން ހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ އިލްމުވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.






ކޮމެންޓް