އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ މުޅި ދުނިޔެއަށް ބޭނުންތެރި ގުޅުމެއް : ނަރެންދްރަ މޯދީ

އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ މުޅި ދުނިޔެއަށް ބޭނުންތެރި ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ 46ވަނަ ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވި ކަމަލާ ހެރިސް އަށް މަރުޙަބާ ވިދާޅުވަމުން މޯދީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށާއި ކަމަލާ ހެރިސް މެދުވެރިކޮށް އިންޑިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިއީ ތާރީޚީ ހަފްލާއެއް. ކަމަލާ ހެރިސްއާ ގުޅިގެން އިންޑިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް އުންމީދުކުރަން. އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ މުޅި ދުނިޔެއަށް ބޭނުންތެރި ހުރި ގުޅުމެއް" މޯދީ ވިދާޅުވެފައިވެއެވެ.
ކަމަލާ ހެރިސް އަކީ އިންޑިއާ އަށް ވެސް ނިސްބަތްވާ ބޭކަނބަލެކެވެ. އެގޮތުން އެކަމަނާގެ މަންމައަކީ އިންޑިއާގެ ރައްޔިތެއްކަމަށް ކަމަލާ ހެރިސް ވެސް ކުރިން ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އައު ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހޮވިވަޑައިގެންފައި މިވަނީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާ، ރައީސް ޖޯ ބައިޑަން ކުރި ހޯއްދެވުމުންނެވެ.
ކަމަލާ ހެރިސް އާއި ޖޯ ބައިޑަން ހުވާ ކުރައްވާފައިވަނީ މިރޭ، އެމެރިކާގެ ނޭޝަނަލް މޯލް ގައެވެ.