ކުޅިވަރު

މިދިޔަ ސީޒަނަށްފަހު ރިޓަޔާކުރި ރޮބެން އަނެއްކާވެސް ދަނޑަށް ނިކުންނަން ތައްޔާރު!

ދެން އެމްވީ ، ދެން އޮންލައިން

19 އަހަރަށްފަހު މިދިޔަ ސީޒަންގައި ކުޅުން ހުއްޓާލީ ނެދަލެންޑްސްގެ އާޔެން ރޮބެން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ބޭނުންވާކަން ހާމަކޮށްފިއެވެ.

Ads by MWSC

ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅު އެއް ވިންގް ނެދަލެންޑްސްގެ އާރްޔެން ރޮބެން ކުޅުމުގެ ތެރެއަށް އަންނަ ވާހަކަދައްކާފައި މިވަނީ ބަޔާން މިޔުނިކްގެ ތަމްރީންތަކުން ފެނުމުން އެވާހަކަ މީޑިޔާގައި ގަދަވެފައިވަނިކޮށެވެ. ބަޔާން މިޔުނިކަކީ ރޮބެން އެންމެ ފަހުން ކުޅުނު ކުލަބެވެ.

ރޮބެން ބުނީ އެނބުރި ކުޅުމުގެ ތެރެއަށް އައުން ގާތްކަމަށާއި، ނަމަވެސް ބަޔާންގެ ޖާރޒީގައި ދެން ނުފެންނާނެކަމަށެވެ. ބަޔާން މިޔުނިކްގެ ތަމްރީންތަކުގައި ބައިވެރިވަނީ ނެދަލެންޑްސް ލޮކްކޮށްފައި އޮތުމާއިއެކު ފިޓްނަސް ރަނގަޅުކުރުމުގެ ގޮތުންކަމަށެވެ. އޭނާ ބުނީ މިވަގުތު މިހުރީ ވަރަށް ބޮޑަށް ފިޓުކޮށްކަމަށާއި، އަމިއްލަ ގައުމަށް ދެވުމުން ކުޅޭނެ ކުލަބެއް ނިންމާނެކަމަށެވެ. ނެދަލެންޑްސްގެ ގިނަ ކުޅުންތެރިން ކެރިއަރު ނިންމާލާފައިވަނީ އަމިއްލަ ގައުމުގައި ކެރިއަރު ފެށި ކުލަބުތަކުންނެވެ.

ރޮބެން ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އިންނެވެ. ނެދަލެންޑްސްގެ ހުރިހާ އުމުރު ފުރައެއްގެ ގައުމީ ޓީމަށް ކުޅެ، ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ރޮބެން ރިޓަޔާކުރަން ނިންމީ މިދިޔަ ސީޒަނަށް ފަހު، ބަޔާން މިއުނިކާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

ކުލަބު ކެރިއަރުގައި 28 ތަށި އުފުލާލި ރޮބެންވަނީ ޕީއެސްވީ، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާންގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނެދަލެންޑްސްގެ ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޖަރުމަނު ލީގުވެސް އުފުލާލާފައިވާ ރޮބެންވަނީ 2013ގައި ބަޔާނާއިއެކު ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. އެއަހަރު ޗެމްޕިއަންސް ލީގު ފައިނަލުން ބަޔާން މޮޅުވީ ރޮބެން ޖެހި ހިތްގައިމު ގޯލުންނެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 2003 އިން 2017 އަށް ކުޅެދިން ރޮބެން ވަނީ އެ ޓީމަށް 96 މެޗުން 37 ގޯލު ޖަހައިދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!