ޚަބަރު

ފައްސި ކޭސްތައް އިތުރުވަނީ، ގައިޑްލައިނަށް ފޮލޯ ކުރައްވާ: ޑރ މުހައްމަދު އަލީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ދުވަހުން ދުވަހަށް ރެކޯޑުކުރެވޭ ކޮވިޑް-19 ކޭސްތައް އިތުރުވަމުން އަންނަ ކަމަށާއި، މިހާލަތުގައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

މި އަހަރު ފެށުނު ފަހުން ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް 50 އަށް ވުރެ ގިނަ މީހުން ފައްސިވަމުން އަންނައިރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1000 އަށް ވުރެ މަތިވެފައެވެ. އަދި ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަން ދަސްކުރަންޖެހޭ ކަމަށާއި، އެ ގައުމުތައް ލޮކްޑައުނަކަށްފަހު ލޮކްޑައުންއެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ދިވެހިން ވެސް ލޮކްޑައުން އެއް ތަހައްމަލް ކޮށްފައިވާ ކަމަށާއި އިތުރު ލޮކްޑައުން އަކަށް ދާން ދިވެހިން ތައްޔާރެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާލަތުގައި ސިއްހީ އިރުޝާދުތަކަށް ބޯލަނބާ ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، ރާއްޖެއިން ވަނީ 55 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14،885 އަށް އަރާފައިވާއިރު، މި ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،813 އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!