ޚަބަރު

ހަގީގީ ހާދިސާ: އެންމެ ތުއްތުއިރުން ފެށިގެން ވެސް މަންމަގެ ފަރާތުން ލިބުނީ އަނިޔާ، ނަމަވެސް ބުރަ ހިތެއް ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ދިވެހި ޒުވާން އަންހެނަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. ދުނިޔެއަށް އައި ފުރަތަމަ ދުވަހު ވެސް އަނިޔާއާ ކުރިމަތިލާން ޖެހުނު އެޒުވާނާގެ ވާހަކަތައް އޭނާ "ދެން" އާއި ހިއްސާ ކުރީ ނަން ހާމަ ނުކުރުމަށް އެދިއެވެ.

Ads by STELCO

"އަހަރެންގެ މަންމަ އަކީ ދެކުނުގެ ރަށެއްގެ މީހެކެވެ. މަންމަގެ އަށް ކުދިން ތިބިއިރު އަހަންނަކީ އެންމެ ހަގު ކުއްޖާއެވެ. މަންމަ ތިން ކައިވެނި ކުރިއެވެ. އެހެންވެ ހުރިހާ ކުދިންނަކީ އެއްބަފާ ދަރިންނެއް ނޫނެވެ.

އަހަރެން އުފަންވީއިރު މަންމަ އުޅުނީ އުތުރުގެ ރަށެއްގެ މީހަކާ އިނދެގެންނެވެ. ނަމަވެސް އެމީހާއާ މަންމައާ ދިމާ ނުވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އެރަށު މީހުން އަހަރެން ގާތު ފަހުން ކިޔައިދީފައެވެ. އެހެންވެ ބަލިވެ އިނުމުން، ދަރި ވައްޓާލަން މަސައްކަތް ކުރުމަށް މަންމަ ވަރަށް ގިނަ ބޭސް ކެއި ކަމަށް ވެސް ވެއެވެ. އަހަރެންގެ ބައްޕައަކީ ރާއްޖެއިން ބޭރު މީހެއް ކަމަށާއި، ބައްޕައަކީ އެރަށަށް ކިޔަވާދޭން ދިޔަ ޓީޗަރެއްކަން ފަހުން އަހަންނަށް ވަނީ އެނގިފައެވެ. ނަމަވެސް މިހާރު ބައްޕަ ވަނީ ނިޔާވެފައެވެ.

ކޮންމެއަކަސް މަންމަ އެއިރު ބަލިވެއިންއިރު ވިހެއީ އެއް މާބަނޑު ދެ ކުދިންނެވެ. އެއީ އަހަންނާއި އަހަރެންގެ ބޭބެއެވެ. ނަމަވެސް ކުރިން މަންމަ ކެއި ބާރުގަދަ ބޭހުގެ ސަބަބުން ބޭބެ ވަނީ އުފަންވިތާ އެއްގަޑިއިރު ތެރޭ ނިޔާވެފައެވެ.

އަހަރެންގެ ފޫޅު ވެސް ރަނގަޅަށް ނުކަނޑާ މަންމަ އަހަރެން އެއްލާލީ ވަލު ތެރެއަށެވެ. ވަލުތެރެއިން ތިމާގެ ދައްތައަކަށް ފެނިގެން އަހަރެން ނަގައިގެން އެގެއަށް ގެންގޮސް ވަރަށް ލޯބިން ހަ އަހަރު ދުވަސް ވަންދެން ބެލިއެވެ.

ނަމަވެސް ފަހުން އެދައްތަ އެހެން ރަށެއްގެ މީހަކާ އިނދެގެން އެރަށަށް ދިޔައީއެވެ. ދައްތަ ދިޔައީ އަހަރެން، އަހަރެންގެ މަންމަ ކައިރިއަށް ލާފައެވެ. ގެންގުޅެން އެހާ އުނދަގޫ ނުވާވަރަށް ބޮޑުވެފައި ހުރުމުން މަންމަ ރަނގަޅު ވާނެ ކަމަށް ހީކޮށްފައެވެ. އެކަމަކު މަންމަ އަހަންނަށް ވަރަށް އަނިޔާ ކުރިއެވެ. ކާންވެސް ނުދީ ގެއިން ބޭރަށްލައެވެ. ބައެއްފަހަރު ދަންވަރު ގަޑީގައި، ގަސްބުޑުގައި ބަނދެފައި ވެސް ބޭއްވިއެވެ.

އެގޮތަށް އުޅެއުޅެ އަހަރެން ވަލުތެރެއަށް ހިތް ޖެހެން ފެށިއެވެ. ބޮޑަށް އުޅޭ ހިތްވީ ވަލު ތެރޭގައެވެ. ގެއަށް ދަނީ ވެސް ވަރަށް މަދުންނެވެ. ވަލު ތެރޭގެ ގަސް ގަހުގައި ނިދައި އުޅެ، ގަސް ގަހުން މޭވާ ކައިގެން، މިސްކިތުން ފެން ބޮއެގެން އުޅުނީމެވެ.

އެހެން އުޅެމުން ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އެއް ދުވަހަކު، ވަރަށް ހޫނުގަދަ ދުވަހަކަށް ވުމުން، ކާން ބޭނުން ވެގެން އަހަރެން ގެއަށް ދިޔައީމެވެ. ނަމަވެސް މަންމަ އަހަރެންގެ ގައިގައި އަލިފާން އިސްތިރި ޖައްސާފައި ގެއިން ނެރެލީއެވެ.

އެދުވަހު ގޭގެ ފާރުބުޑުގައި އިށީންދެގެން ރޯން އިންދާ އައީ ގެ ކައިރީގައި ހުރި އެހެން ގެއެއްގެ ފިރިހެނެކެވެ. އައިސްފައި ބުނީ ވަރަށް ބަނޑުހައިވެފަ ދޯ އޭ، އަންނާށޭ ކާލާނެ ފާރޮށިކޮޅެއް ބޭބެ ދީފާނަމޭ އެވެ. އަހަރެން ވެސް ބަނޑުހައިވެފައި ހުރިވަރުން އެބޭބެ އާއި އެއްކޮށް ދިޔައީމެވެ. އެއިރު އަހަރެންގެ އުމުރުން އެންމެ 7 އަހަރެވެ.

ދެން އޭނަ އަހަރެން ގޮވައިގެން އެގޭގެ ބިއްދަށް ފަރާތުގައި ހުރި ގަސްތަކުތެރެއަށް ގެންގޮސް، އަހަރެންގެ ފުރަގަސް ފަރާތަށް ޖިންސީ ގޯނާ ކުރީއެވެ. އެދުވަހު ގެއަށް ދިޔައިރު ބައިވަރު ލޭ ވެސް ހުރިކަމަށް މީހުން ކިޔައިތީ އަޑުއެހީމެވެ. އެމީހާ އަހަންނަށް ގޯނާ ކޮށްފައި، ކާން އެންމެ ފާރޮށި ކިބައެއް ދީފައި އަހަރެން ފޮނުވާލިއެވެ.

އަހަރެން ހަނދާންވާ ގޮތުގައި، އެދުވަހު ކަންތައްވީ ގޮތުގެ ހަގީގަތް އަހަރެންގެ ބޮޑުބޭބެއަށް ސިއްރު ކުރަން ވެގެން، މަންމަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ވެސް ދިޔައެވެ. ބޮޑުބޭބެ އުޅުނީ މާލޭގައި ވަޒީފާގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރުވެސް އަހަންނަށް ޖިންސީ ގޯނާކުރި މީހާއަށް އެއްވެސް އަދަބެއް ލިބިފައެއް ނުވެއެވެ. އެމައްސަލަ ބަލާފައެއް ވެސް ނުވެއެވެ. އެމީހާ އަދިވެސް މިނިވަންކަމާއެކު އެބަ އުޅެއެވެ.

މަންމަގެ ދެން ތިބޭ ކުދިންނާއި އަހަންނާ މަންމަ ވަރަށް ތަފާތު ކުރިއެވެ. އަހަރެންގެ ދޮއްޓަށް ހުންނަ ބޭބެ އާއި އަހަރެން ގޮވައިގެން ސްކޫލަށް ލާން ދާއިރުވެސް އެބޭބެގެ ދަބަސް ވެސް ހިފައިދެއެވެ. އިންޓަވަލް ވެސް ގަނެދެއެވެ. އަހަރެންގެ ދަބަސް އުފުލަނީ އަަހަރެން އަމިއްލަ އަށެވެ. މަންމަ އިންޓަވަލެއް ވެސް ހޯދައެއް ނުދެއެވެ.

އެއްރޭ ނިދާފަ އޮއްވާ ބޭބެ ގޮވާފަ މަސްބާނަން ދާން ހިނގާށޭ ބުންޏެވެ. އެހެން ކިޔާފަ ފުށްގަނޑެއް މޮޑެގެން ރޯލު ހިފައިގެން އަހަރެން ގޮވައިގެން ފާލަން ކޮޅަށް، މަސްބާނަން ދިޔައެވެ. އެތަނުގައި ހުއްޓާ ދަނޑިބުރިއެއް ހިފައިގެން މަންމަ އައެވެ. ބޭބެއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނެ، އަހަރެން ގައިގައި ޖަހާފައި، އަހަރެންގެ ދިގު އިސްތަށިގަނޑުގައި ހިފާފަ ދަމާފަ ކަހަލަ ގޮތަކަށް ރަށުގެ އެކޮޅުން ފެށިގެން ގެއަށް ގެނައެވެ. އެގެއަކީ އެޅިގަލުން ހަދާފަ ހުރި ގެއެކެވެ. މަންމަ އައިސްފައި ހުރި ރުޅިން، އަހަރެން ނަގާ ހޫރާލީމަ ގޮސް ފާރުގައި ޖެހި އަހަރެންގެ ބޯ ފަޅައިގެން ދިޔައެވެ.

އޭގެފަހުން އަނެއްކާވެސް ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އުމުރުން 8 އަހަރު ވީއިރު އަހަންނާއި ބޭބެ ގެންގޮސް ދޮންބައްޕަގެ ރަށަށް ލާފައި މަންމަ ދިޔައީ މާލެއެވެ. އެގޭގައި އެއްބަނޑު ދައްތަމެން ވެސް ތިބޭތީ ވަރަށް ރަނގަޅު ވާނެ ކަމަށް ހީކުރީމެވެ. ނަމަވެސް އުޅެން ޖެހުނީ އަޅެއްހެންނެވެ. ސްކޫލް ނިންމާފައި ދާ ގޮތަށް އެމީހުން ބުނާހާ ކަމެއް ކޮށްދޭން ޖެހެއެވެ. އެއްވެސް ސަބަބަކާހެދި ވެސް އެމީހުން ބުނާ ކަމެއް ނުކޮށްދެވިއްޖެނަމަ، ދެ ދުވަސްވަރު ވަންދެން ނުކައި ވެސް ހުންނަން ޖެހިދާނެއެވެ.

ނުކައި ހުންނަން ޖެހުނު ދުވަސްތައް ގިނަވާން ފެށުމުން، ދެން ނިކުމެވެން ފެށީ ބޭރު ތެރެއަށެވެ. އެއިރު އުޅުނީ ގްރޭޑް 6 ގައެވެ. އަހަންނާ އަންހެން ގްރޫޕަކާ ދިމާވިއެވެ. އެމީހުން އަހަންނަށް ކާންދީ، ސްކޫލް އެއްޗެހި ވެސް ދޭތީ، އެމީހުން ވަރެއް ނެތިފައި ހުރެވުނެވެ. ސްކޫލް ނިމޭ ގޮތަށް އެމީހުންނާއެކީ އުޅެވެން ފެށުނެވެ. ގެއަށް ވަންނަނީ ދަންވަރު އެކެއް ދޭއް ޖަހާއިރެވެ. އަހަރެން އުޅޭ ތަނެއް ދައްތަމެން ނުބަލައެވެ. އެހެން ނަމަވެސް އެގޭގައި އުޅޭ ބޭބެއެއް ވަރަށް އަނިޔާކޮށް، ކަރުގައި ހިފާ، ވަޅަށް ވެސް ލާ ހެދިއެވެ.

އެ ކަންތައްތަކާ ހެދި އަހަރެން ވަރަށް ބޮޑަށް މާޔޫސްވެގެން، އެ އަނިޔާތަކާ ހެދި ކެތްތެރިކަން ކޮޅުން ލައިގެން، އަމިއްލައަށް މަރުވާން ވެސް އުޅުނީމެވެ. ނަމަވެސް އެގޭގައި އުޅުނު މީހެއް އަހަރެން ސަލާމަތް ކުރިއެވެ.

އެއްދުވަހު ސްކޫލު ނިންމާފަ، އެކުގައި އުޅޭ ގްރޫޕު ކައިރިއަށް ދިޔަތަނުން އެމީހުން ބުނީ ސިނގެރޭޓު ބޯށެވެ. އެކަމަށް އަހަރެން އިންކާރު ކުރީމެވެ. ނޭނގޭނޭ ވެސް ބުނީމެވެ. އެކަމާ އެމީހުން އަހަންނަށް މަލާމަތްކޮށް އެއްޗެހި ކިޔައި ހެދިއެވެ.

އަހަރެން އެކަމާއި އެދުވަހު ވަރަށް ރުއީމެވެ. ގޭގައި އޮވެ ރޮއެ ރޮއެފައި، ކޮންމެހެނެއް ވިޔަސް ކާއެއްޗެއް ލިބޭނީ އެމީހުން ކައިރިން ކަމަށް ވާތީ ޖެހިގެން އައި ދުވަހު އަނެއްކާވެސް އެމީހުން ކައިރިއަށް ގޮސް ސިނގިރޭޓު ބޯނަމޭ ބުނީމެވެ. އެމީހުން އަހަރެން އަތަށް ސިނގިރޭޓު ފޮއްޓެއް ދިނެވެ. އަދި ބުނީ ގެއަށް ގޮސް ވަގަށް ހުރެ ބޯށެވެ.

އަހަރެން އެރޭ ގޭގެ ގިފިލި ތެރެއަށް ވަދެ ސިނގިރޭޓު ބުއީމެވެ. ފުރަތަމަ ފަހަރު ކޮށިއެރިއެވެ. ބޯ އަނބުރާ ކަރަށް ވެސް ތަދުވާން ފެށިއެވެ. އެކަމަކު ވެސް އެރޭ ނިދީ އެފޮށި އެއްކޮށް ހުސްކޮށްފައެވެ.

ޖެހިގެން އައި ދުވަހު އެމީހުން ކައިރިއަށް ދިޔުމުން ބުނީ، އެސިނގިރޭޓަށް ތެޔޮ އަޅާފައި ހުރި ކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުނީ އޭގެ ފަހުންނެވެ. ތެޔޮ ނުބޮއެ އުޅެން އުނދަގޫ ވެގެން، ތެޔޮ ބިޑި ބޯން ފެށީމެވެ.

ގްރޭޑް 10 އާ ހަމައަށް އަހަރެން އެގޮތަށް އުޅުނީމެވެ. ނަމަވެސް ކްލާހުގައި އުޅުނު ވަރަށް ދީންވެރި ފިރިހެން ކުއްޖަކަށް އެކަން އެނގިގެން އޭނާ އަހަންނަށް ނަސޭޙަތް ދިނެވެ، ވަރަށް އުނދަގުލުން އެކަން ހުއްޓާލާފައި، ޖީސީއީ ހަދާފައި އަހަރެން މަންމަ ކައިރިއަށް މާލެ ބަދަލުވީމެވެ.

މާލެ އައުމަށްފަހު އަހަރެން ބޭނުންވީ ކަޅު ހެދުން ލާށެވެ. ނަމަވެސް މަންމައަކީ ދީނީ ކަންކަމާ ވަރަށް ދުރު މީހަކަށްވާތީ، މަންމަ އެކަމާ ދެކޮޅު ހެދިއެވެ. މަންމަގެ ފަރާތުން އަނެއްކާވެސް އަނިޔާތައް ވެސް ލިބެން ފެށިއެވެ.

އަހަންނަކީ ދަތި އުނދަގުލުން ނަމަވެސް ކިޔަވައިގެން ހުރި މީހަކަށްވާތީ، ޕްރައިވެޓް ކުންފުންޏަކުން ވަޒީފާއެއް ލިބުނެވެ. މަސައްކަތް ކޮށްގެން ލިބުނު އާމްދަނީއިން 50،000 އަށްވުރެ ގިނަ ރުފިޔާ އެއްކުރީމެވެ. އަހަންނަށް އެއިރު އުމުރުން 18 އަހަރު ނުފުރޭތީ އެފައިސާތައް ބެހެއްޓީ ގޭގައެވެ.

އަނެއްކާވެސް އަހަރެންގެ ނަސީބު އަތުން ދޫކޮށްލީއެވެ. އުމުރުން 18 އަހަރު ފުރުމުން، އެކައުންޓަށް ފައިސާތައް ލާން ބަލާލިއިރު، އެންމެ ފައިސާއެއް ވެސް ނެތެވެ. އެފައިސާތައް ނެގީ ކާކު ކަމެއް، އެއަށްވީ ކީއްކަމެއް މިއަދާ ހަމައަށް އައިއިރު ވެސް އެނގިފައެއް ނުވެއެވެ.

އަހަރެން ދެން ބޭނުންވީ މަންމަމެން ގާތުން ދުރަށް ދާށެވެ. ސަރުކާރު ވަޒީފާއަކަށް ވަނުމަކީ އަހަރެން އެންމެ ކުޑައިރުން ފެށިގެން ވެސް ދެކެމުން އައި ހުވަފެނަކަށް ވާތީ، ސަރުކާރުގެ އިދާރާއަކަށް ވަނީމެވެ. އޮފީހުން ހުންނާނެ ތަނެއް ހަމަޖައްސައި ދިނީއޭ ބުނެ ދޮގު ހަދާފައި މަންމަމެންގެ އަނިޔާވެރިކަމުން ސަލާމަތްވެގެން އެގެއިން ނިކުތީމެވެ. އަދި އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅެން ފެށީމެވެ.

ނަމަވެސް އެކަނި ބޮޑު އެޕާޓްމަންޓެއްގައި އުޅެން ފެށުމުން، ބިރުވެރި ހާދިސާ ތަކަކާއި ކުރިމަތިވާން ފެށިއެވެ. ބިރުވެރި ކަންތައްތަކެއް ފެންނަން ފެށިއެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން، އަހަންނާ އެއް ޑިޕާޓްމަންޓެއްގައި މަސައްކަތްކުރި އިސް ކަނބަކު އެކަމުން އަހަންނަށް އެހީތެރިވެދިނެވެ.

ދެން އަވަހަށް ރުޤްޔާ ކުރީމެވެ. ރުޤްޔާ ކޮށްގެން އެނގުނީ، އެއީ މަންމަގެ އާއިލާ މީހަކު އެގެއަށް ސިހުރު ހަދާފައި ހުރުމުން ވާން ފެށި އުނދަގުލެއް ކަމެވެ. އަހަންނަށް އެނގުނީ އެސިހުރުވެރިޔާ، މުދަލުގެ ބޭނުމުގައި އަަހަރެންގެ ބޮޑުބެއާއި އާއިލާގެ އެތައް ބަޔަކު މަރައިފިކަމެވެ.

ވަރަށް އުނދަގުލުންނާއި ބުރަ މަސައްކަތުން އެސިޙުރު ބާތިލުކޮށް، ކަންކަން ރަނގަޅު ކުރެވުނެވެ. އެހެން ނަމަވެސް އަހަރެން ރެޖިސްޓްރީ ވެފައިވާ ގެ ބަދަލު ކުރަން ޖެހިގެން، އަހަންނަށް އޮފީހުން އެހީތެރިވި އަންހެންމީހާ، އެގޭގައި އަހަރެން ރެޖިސްޓްރީ ކޮށްދީ އެގޭ މީހެއް ކަމުގައި ހަދައިދިނެވެ. އޭގެ އިތުރުން އެމީހުން އަހަންނަކީ އެމީހުންގެ މީހެއް ގޮތުގައި ދެކެން ވެސް ފެށިއެވެ. މިހާރު އަހަރެން މިއުޅެނީ އެމީހުންނާއެކު ވަރަށް ހިތްހަމަ ޖެހިގެންނެވެ.

އަހަރެން މިހާރުވެސް މަންމައަށް ޚަރަދު ކުރަމެވެ. މަންމައަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވަމެވެ. ނަމަވެސް.. އަހަރެންގެ މައިންބަފައިން ދެކެ ލޯބިވާކަށް އަހަންނަށް ދަސްވެފައެއް ނެތެވެ."

Ads by Ooredoo
  1. އަލީރަމީޒް

    މީ ރުގުުާ ޕްރޮމޯޓްކުރަން ހަދާފަ އޮތް ބުހުތާން ދޮގެއް. ދީނީތާކިހާ އަޅައިގެން މީހުންއަތުން ފޭރެން އުޅޭއިރު ހެއްދެވި ފަރާތުން ދެކެދެނެވޮޑިގެންވާކަން ނޭނގޭދޯ. ދީނީ ވެގެން އުޅޭއިރުވެސް. އާއިލާތަށް ފިތުނަކުރަން އާއިލާމީހުން ސިހިރިހަދާކަމށްބުނެ ތިޔަ ނަގަނީ އެކަމުގެ ނުބައިކަން ކުޑަކޮއްވެސް ނޭނގެނީތަ