ކުޅިވަރު

ރޮނާލްޑޯ ގަންނަން ޗެލްސީން ތައްޔާރުވަނީ!

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރގައި އެންމެ ބޮޑު ހޭދައެއް ކުރާނެކަމަށް ބެލެވެނީ އިނގިރޭސި ކުލަބު ޗެލްސީއެވެ. އެކުލަބުގެ ވެރިޔާ ރޯމާން އަބްރަމޮވިޗްވަނީ އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް ބިޔަ ބަޖެޓެއް ކޯޗު ލަމްޕާޑަށްދީފައެވެ.

Ads by MWSC

މިހާތަނަށް އަޔެކްސްގެ ހަކީމް ޒިޔެޝް އެކުލަބުން ގަނެފައިވާއިރު، ލިވަޕޫލުން ގަންނަން އުޅުނު ޖަރުމަންގެ ޒުވާން ފޯވާޑް ޓިމޯ ވާނާވެސް އެކުލަބަށް ސޮއިކުރުން އޮތީ ވަރަށް ގާތުގައެވެ. މިވަރުން އަދި އެޓީމް ހިންދެމިލާނެކަމަށް ނުބެލެވެއެވެ.

ސްޕެއިންގެ މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ގަންނަން ވަރުގަދަ ބިޑެއް ޗެލްސީން ދަނީ ތައްޔާރުކުރަމުންނެވެ. ޔޫރަޕްގެ މަޝްހޫރު އެއް ނޫސްކަމަށްވާ މަކާއިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ގަންނަން 120 މިލިއަން ޔޫރޯ ހޭދަކުރަން އެކުލަބުން އޮތީ ތައްޔާރަށެވެ.

ރެއާލް މެޑްރިޑުން 117 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018ގައެވެ. އޭގެ ފަހުން ކުލަބުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރިނަމަވެސް މިހާރުގެ ކޯޗުގެ ސްޓައިލާއި އޭނާ އެހާ ގަޔާ ނުވެއެވެ. އެހެންކަމުން ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާކަމަށް އިޓަލީގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

ރޮނާލްޑޯ އެނބުރި ރެއާލްއަށް ބަދަލުވެދާނެކަމަށް އަޑު ފެތުރުނުނަމަވެސް ރޮނާލްޑޯ ބޭނުންވަނީ ޔުވެންޓަސްއާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ކުލަބު ބަދަލުކުރާށެވެ.

35 އަހަރުގެ ރޮނާލްޑޯ ޕްރިމިއަރ ލީގަށް އެނބުރި ދިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބޮޑު މުސާރައެއް ހުށަހަޅައިފިނަމަ ޕްރިމިއަރ ލީގަށް އޭނާ ދިޔުމަކީ ނުވާނެ ކަމަށް ނޫން ކަމަށް ވެސް ތަޖުރިބާކާރުން ދެކެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!