"ނަމާދަށް ހުއްޓާ ލޮލުން ކަރުނަ އަޔަސް، އެނަމާދެއް ސައްޙަވާނެ"

ވަރަށް ގިނައިންވާ ގޮތެކެވެ. ނަމާދަށް ހުއްޓާވެސް، ދިރިއުޅުމުގައި ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ އެކިއެކި ކަންކަމާމެދު ވިސްނި، ދެލޮލުން ކަރުނަ އަންނަނީއެވެ.
ނަމާދަކީ މާތް ﷲ އަށް އަދާކުރާ އަޅުކަމަކަށްވާއިރު، އެވަގުތު އެހެންކަންކަމާ ވިސްނި، އެހެން ކަންކަމަށް ޙިޔާލުގޮސް، އެފަދައިން ރޮވޭ ގޮތް ވުމުން، ނުވަތަ ކަރުނަ އައުމުން، އެނަމާދެއް ސައްޙަވާނެ ކަމާމެދު އަހަރުމެންނަށް ވިސްނި ކަންބޮޑު ވެއެވެ. އަދި އެކަމާމެދު ސުވާލު ވެސް އުފެދެއެވެ.
މީހަކު ވަނީ މިސުވާލު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފާ ކޮށްފައެވެ. އެގޮތުން މީހަކު އަހާފައި ވަނީ، ނަމާދު ކުރަން ހުންނައިރު ދެރަވެ ލޮލުން ކަރުނަ ފޭބުމަކީ ކޮންކަހަލަ ކަމެއްތޯ އާއި އެހެން އެކަން ވާނަމަ ނަމާދު ސައްޙަ ވާނެ ތޯއެވެ.
"އެންމެ ރަނގަޅު ކަމެއް. ނަމާދު ސައްޙަ ވާނެ" އެސުވާލުގެ ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ނަމަވެސް، މިކަމާމެދު ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްވެރިއެއް ކަމަށްވާ އިމާމު އަލް-ޝުރުންބުލާލީ ވިދާޅުވީ، ނަމާދަށް ހުންނައިރު ލޮލުން ކަރުން އައުމަކުން ނަމާދު ބާތިލު ނުވިނަމަވެސް، އަޑުން އަޑުނަގައި ރޮއެފިނަމަ އެނަމާދެއް ބާތިލު ވާނެ ކަމަށެވެ. އެއީ އެއިރުން އެނަމާދެއްގެ ދެމެދަށް އެހެން ކަމެއް ވަންނާތީ ކަމަށް ވެސް އިމާމު ވިދާޅުވެފައިވެއެވެ.
މަސްދަރު: އިސްލާމިކް ނޮލެޖް ޑރ. އިޔާޒް ވައިބާ ގްރޫޕް، އިސްލާމް ކިޔުއެންޑް އޭ އޯގަނައިޒޭޝަން