މާފަރު އެއަރޕޯޓުގައި ޕީސީއާރު ލެބްގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
މާފަރު އެއަރޕޯޓުގައި ޕީސީއާރު ލެބްގެ ޚިދުމަތް އަންނަ ހަފްތާގައި ދެވެން ފެށޭނެ ކަމަށް ސޮނެވާގައި މަސައްކަތް ކުރާ އޮފިޝަލަކު މައުލޫމާތު ދީފިއެވެ.
“ދެން”އާ ވާހަކަ ދައްކަމުން އޭނާ ބުނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން އެ ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް ލައިސެންސް ހަމަވުމާ ގުޅިގެން އެ ޚިދުމަތް މެދުކެނޑުނީ ކަމަށެވެ. އެހެންނަމަވެސް މިހާރު އައު ލައިސެންސަކާއެކު އޭޑީކޭ ގެ ބަދަލުގައި ކްރިސްޓަލް ލެބާ ގުޅިގެން މި މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށޭނެކަން ޔަގީން ކުރެވޭ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.
މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ޚާއްސަ މި ޕީސީއާރު ލެބްގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަނީ ސޮނެވާގެ ޚަރަދުގައެވެ. މީގެ ކުރިން އޭޑީކޭއިން އެތަނުގެ ކަންކަން ބަލަހައްޓަމުން ދިޔަ ނަމަވެސް މިފަހަރު އެކަންކަން ބަލަހައްޓަމުން ގެންދާނީ ކްރިސްޓަލް ލެބް އިންނެވެ.
ހަމައެއާއެކު އެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށާއި ހެލްތް މިނިސްޓްރީން އެ އިންތިޒާމުތައް ބެލުމަށްފަހު ލެބްގެ ހިދުމަތް ފެށުމަށް ހުއްދަ ދީފައިވާ ކަމަށް ސޮނޭވާގެ ފަރާތުން ވާހަކަދެއްކި އޮފިޝަލް ބުންޏެވެ.