ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބޭއަދަބީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި
މިސްކިތްތަކަށް ގެއްލުންދޭ ނައުޝާދު، ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބަރަހަނާވި މައްސަލައެއްގައި އަލުން ހައްޔަރުކޮށްފިއެވެ.

މާލޭގެ ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބޭއަދަބީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި، މީގެ ކުރިން މިސްކިތްތަކަށް ގެއްލުންދީގެން ހައްޔަރުކުރި ނައުޝާދު މޫސާ އަނެއްކާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، އިއްޔެ ހެނދުނު ލުހާ ނަމާދަށް ފުރުޤާނު މިސްކިތުގައި ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ އަމިއްލަ އެދުން ފުއްދި ކަމުގެ ޝަކުވާ ފުލުހަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނައުޝާދު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އުމުރުން 32 އަހަރުގެ ނައުޝާދަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދިނުމާއި އެ ނޫންވެސް ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ.
މިސްކިތްތަކަށް ގެއްލުންދިން މައްސަލައިގައި ނައުޝާދުގެ މައްޗަށް މި މަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށްވުރެ އިތުރުވުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކަނޑައަޅައި ކޯޓުން އޭނާ ދޫކޮށްލީ މި މަހުގެ ކުރީކޮޅުގައެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި ނައުޝާދަކީ ކުށުގެ ރެކޯޑު ގިނަ، އަދި ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާ މީހެކެވެ. މިސްކިތްތަކަށް ގެއްލުންދޭ މައްސަލައިގައި އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލައި ބަންދުކޮށްފައެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.