އައިލެންޑް އޭވިއޭޝަންގެ މަޝްރޫއުގެ ފުލެޓުތައް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ޑިޒައިން މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އިން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އައިއޭއެސް އިން ކުރި އިއުލާނެއްގައި ބުނީ، މި މަސައްކަތަށް ބޭނުންވަނީ މިފަދަ މަޝްރޫއުތައް ފަރުމާކުރުމުގެ ތަޖުރިބާ ހުރި ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށް ފަހު، މި މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި މަސައްކަތަށް 20,819 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، އެ ބިން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެމްޕީއެލް އަދި ސްޓެލްކޯ ހިމެނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.