"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ލޯގޯ ބޭނުން ނުކުރަން ނިންމައިފި
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، އެއްވެސް ލޯގޯއެއް ބޭނުން ނުކުރުމަށް ނިންމައިފިއެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ލޯގޯތަކަށް އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން، އެއްވެސް ލޯގޯއެއް ބޭނުން ނުކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި މަޝްރޫޢަށް ހުށަހެޅި 22 ލޯގޯގެ ތެރެއިން ފަނޑިޔާރުން ޝޯޓްލިސްޓު ކުރި 10 ލޯގޯއެއްގެ ތެރެއިން، އެންމެ ރަނގަޅު 5 ލޯގޯއަކަށް ވޯޓުލުމުގެ ފުރުސަތު ޕީއެއްއެމްގެ އެއަރ އެޕްލިކޭޝަން މެދުވެރިކޮށް މި މަހުގެ 8އިން 11އަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވޯޓުލީ މީހުންގެ އަދަދު މަދުކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ވުޒާރާއިން ބުނީ ލޯގޯ ބޭނުން ނުކުރަން ނިންމީ ފަނޑިޔާރުންގެ ލަފާގެ މަތިން ކަމަށެވެ. އެހެންނަމަވެސް ލޯގޯތައް ފަރުމާކުރި ފަރާތްތަކުގެ އަގު ވަޒަންކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ އަހުމަދު އަޒްމީ ހަލީމް ވިދާޅުވީ، ގައުމީ ފެންވަރުގެ މިފަދަ ކެމްޕޭނަކަށް ބަލާއިރު ލިބުނު ލޯގޯތައް މަދު ކަމަށާއި، އަދި ބޭނުންވާ ފެންވަރުގެ ލޯގޯއެއް އޭގެ ތެރޭގައި ނެތް ކަމަށެވެ. އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ބަލާއިރު ވެސް އެކަށީގެންވާ ލޯގޯއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު ވެސް، އެންމެ 22 ލޯގޯ ލިބުމަކީ ތަރުހީބު ކުޑަކަން ހާމަވާ ކަމެއް ކަމަށް ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ އަލީ ހުސައިން މަނިކު ވިދާޅުވިއެވެ.
އިޙްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫޢަކީ ދިވެހިންގެ ތެރޭގައި އިޙްތިރާމްކުރުމުގެ އާދަ އަލުން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަޝްރޫޢު ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ ކޮމިޓީއެއް ވަނީ އުފައްދާފައެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.