ސީޕްލޭން ހާދިސާ: އަނިޔާވި ކްރޫއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ހިނގި ހާދިސާއެއްގައި އަނިޔާވި ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަން އެނގިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލް ފަޅުތެރޭގައި އިއްޔެ ހިނގި ހާދިސާއެއްގައި އަނިޔާވި ޒުވާނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އަނިޔާވީ ސީޕްލޭން ޓެކްސީ ކުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ކަނދަށް ގެއްލުންވެ، ބޯޓާއި ޑޮކާ ދެމެދު ފިތިގެންނެވެ. އެ ހާދިސާގައި އޭނާ މޫދަށް ވެއްޓުމުން ވަގުތުން ވަނީ ސަލާމަތްކޮށް ފަރުވާއަށް ގެންގޮސްފައެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަންވެސް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަދި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.