ކްލައިމެޓް ފައިނޭންސް ފަސޭހައިން ލިބޭނެ ގޮތަށް އޮނިގަނޑު އިސްލާހުކުރަން ރައީސް ގޮވާލައްވައިފި
-1.jpeg)
ކުދި ޖަޒީރާ ގައުމުތަކުން ފަސޭހައިން ކްލައިމެޓް ފައިނޭންސް ހޯދަން ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮޕް31 ގެ ހަވާސާގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒުހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ކްލައިމެޓް ފައިނޭންސާއި، މާލީ ނިޒާމު އިސްލާހުކުރުމާއި، ކަންކަން ތަންފީޛުކުރުމުގެ މައްޗަށް ބިނާކޮށް އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކްލައިމެޓް ފައިނޭންސްގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ބޭނުމަށް ދެވޭ މާލީ އެހީތެރިކަމަކީ އެކަށީގެންވާ މިންވަރަކަށް، ފަސޭހައިން ލިބޭ، ޔަގީންކަން އޮތް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. ޚާއްޞަގޮތެއްގައި ކުރިއަށް ލަފާކުރާ "ސުޕަރ އެލް ނީނޯ" ގެ އަސަރުތަކަށް ރިއާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް އަވަހަށް ފައިސާ ޖަމާކޮށް ފުރިހަމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
އަދި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) އޮތް ނާޒުކު ހާލަތަކީ، ލުއިފަސޭހަ ގޮތެއްގައި ކްލައިމެޓް ފައިނޭންސް ހޯދުމަށް އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ވެސް ރައީސް ގޮވާލައްވިއެވެ.
އަދި މި މައްސަލަ އުފެދުމުގައި ކުޑަވެސް ހިއްސާއެއް ނެތް ގައުމުތަކުން، މި ކާރިސާއާ ކުރިމަތިލުމަށްޓަކައި ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ތަރައްޤީއަށް ހުރަސްއެޅޭ، ނުވަތަ ނާޒުކު ގައުމުތަކަށް ނުއުފުލޭފަދަ ދަރަނީގެ ބުރައެއް އުފުލަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.