ޕޮލިސް ލޯންޗު ރޯކޮށްލިކަމުގެ ތުހުމަތުވާ މޫސާ އިނާޒު ބަންދުގެ މުއްދަތު ދަމަހައްޓައިފި
ލ. ގަމު ފަޅުގައި އޮތް ޕޮލިސް ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މޫސާ އިނާޒުގެ ބަންދު ކުރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
މިދިޔަ އަހަރު މާޗު 22 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ލ. ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުމާ ގުޅިގެން އެ މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު ލ. ގަން-ތުނޑި/ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާޒުގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިނާޒުގެ ބަންދާ ގުޅޭ ގޮތުން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މޫސާ އިނާޒުގެ ބުނެފައި ވަނީ އޭނާއަކީ އުމުރުން 16 އަހަރުން ފެށިގެން އާތްރައިޓްސް ހުންނަ މީހަކަށް ވާތީ ފިނި އަށްޓެއްގައި ނިދަން ޖެހޭތީ އޭނާގެ ބަލި ބޮޑުވެ ހުޅުހުޅުގައި ރިއްސުމާއި، ސިއްހީ ހާލަތު ދަށް ވެފައިވާ ކަމަށެވެ. އަދި ބޭސް ފަރުވާއަށް ވެސް ޖަލުގައި އެކަށީގެންވާ އަހައްްމިއްޔަތު ކަމެއް ނުދޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ. މީގެ އިތުރުން ކާންދޭ ތަކެއްޗާ ބެހޭ ގޮތުންނާއި ގޮޅީގައި އަލި ކަމެއް ވެސް ނުހުންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ދައުލަތުން ބުނީ އިނާޒަކީ ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުވާ މީހެއް ކަމަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުން އެދުނީ މުޖުތަމައުގެ ރައްކަލަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ. މޫސާ އިނާޒުގެ ވަކީލު ވަނީ އިނާޒު ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބު ނިންމެވީ، މޫސާ އިނާޒު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.