ޚަބަރު

ދިއްދޫ ފްލެޓު މައްސަލައިގައި ނަޒީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ގެދޮރުވެރި ކުރުވުން" ޕްރާގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މއ. އެލީޒިއަމް އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

Ads by Hajj Corporation

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ "ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ދިއްދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންފައިވާ ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެކޮމިޝަނުން ބުނީ މި މައްސަލައިގައި އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާ ހޯދާ ދިންކަމުގެ ކުށުގެ ދައުވާ ކަމަށެވެ.

ދިއްދޫގައި އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓް ދީފައި ވަނީ އެރަށު ކައުންސިލްގެ އިދާރާއިން ކަމަށް އޭސީސީން ބުނެއެވެ.

ނަމަވެސް، ފަހުން ހައުސިން މިނިސްޓްރީގެ އެންގުމުގެ މަތިން ދިއްދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެރަށު ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެންގޮސްފައިވާ ކަމަށާއި، މިނިސްޓްރީގެ ފަރާތުން ވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދިނުމުގެ އިތުރުން އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޒީމް ބައިވެރި ވެފައިވާކަން މި މައްސަލައިގެ ތަހްގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!