ވިޔަފާރި

އިންޓަނެޓް ރައްކާތެރިކުރަން އުރީދޫން ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެކްނޮލޮޖީ މެދުވެރިކޮށް އައު ޚިދުމަތްތައް ތަޢާރަފްވަމުން އަންނަ މި ޑިޖިޓަލް ޒަމާނުގައި، އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުންނެވެ. މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ގްލޯބަލް ޕެންޑެމިކް އާއި ގުޅިގެން ގައިދުރުކަން ދަމަހައްޓަން ޖެހިފައިވުމާއެކު، އާންމު ދިރިއުޅުމުގެ ކަންކަން ބަދަލުވެ އިންޓަނެޓް ބޭނުންކުރާވަރު ވަނީ ކުރިއަށްވުރެ އެތައްގުނައަކަށް އިތުރުވެފައެވެ. ކިޔެވުމާއި، މަސައްކަތް ކުރުމަށާއި، ޚިދުމަތްތައް ހޯދުމަށާއި މުނިފޫހިފިލުވުމަށް އަދި އާއިލާއާއި ރަށްޓެހިންނާއި އޮންނަ ގުޅުން ދެމެހެއްޓުމަށްވެސް އިންޓަނެޓަށް ވަނީ ބަރޯސާވާން ޖެހިފައެވެ.

Ads by STELCO

އެހެންކަމުން އިންޓަނެޓްގެ ޚިދުމަތް ފަސޭހަކަމާއެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ، އިންޓަނެޓް ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕެއިންގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

އެގޮތުން އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައުއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫން ކުރިއަށް ގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕެއިން އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އެކުންފުނިން ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައެންސް އެންޑް ޓެކްނޮލޮޖީއާ ގުޅިފައެވެ.

"އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދޭ. ހުރިހާ ބާވަތެއްގެ މައުލޫމާތާއި، ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓްވީއިރު، ފަރުވާތެރިކަމާއި ޒިންމާދާރުކަން މަތީ ބޭނުން ނުކުރެވިއްޖެ ނަމަ މެލްވެއަރ، ސްޕޭމް، ފިޝިންގް، ސައިބަރ ބުލިއިންގް، ބްލެކްމެއިލް ފަދަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށްވެގެން ދިއުމަކީވެސް އެކަށީގެންވާކަމެއް. އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށާއި، މައިންބަފައިން އަދި ސްކޫލް ކުދީންނަށް ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ރައްކާތެރިކަމާއިއެކު އިންޓަނެޓް ބޭނުންކުރުމަށް އުރީދޫ އިން ކުރިއަށްގެންދާ މި ކެމްޕެއިންގެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިންޓަނެޓްގެ ރައްކާތެރިކަން ހޯދައި ދިނުމަކީ އަޅުގަނޑުމެންގެ އުއްމީދެއް" މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ.

"އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، އަޅުގަނޑުމެންގެ ދިރިއުޅުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް މުޅިންހެން މިކުރަނީ އިންޓަނެޓް މެދުވެރިކޮށް. ހުރިހާ ބާވަތެއްގެ މައުލޫމާތެއް އަޅުގަނޑުމެންގެ އިނގިލިކުރިތަކާ ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ނުރަނގަޅު އެތައް ކަމަކަށްވެސް އިންޓަނެޓް މަގުފަހިކޮށްދޭ. އެގޮތުން އޮންލައިން ގްރޫމިންގ، ސައިބާ ބުލީއިންގގެ އިތުރުން އަބުރާއި މުދަލަށް ގެއްލުން ލިބޭ ފަދަ ކަންކަން ހިންގުމުގައި އިންޓަނެޓް ބޭނުންކުރާ މީހުން އުޅޭ. އެހެން ކަމުން މިފަދަ ކަންކަން ހުއްޓުވުމަށާއި، މުޖުތަމައު މިފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކުރަންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގައި އުރީދޫއިން ކުރިއަށްގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕެއިންގައި މިނިސްޓްރީއޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިވަޑައިގަތުމީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަން، ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބަރ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި ކެމްޕެއިނުގައި، ދަރިވަރުން، މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމުގައި އުރީދޫއިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!