އަމިއްލައަށް މަރުވުން: މިކަންކަން އެނގޭނަމަ އެކަމާމެދު ވިސްނަން ވެސް ބިރުގަންނާނެ!
ދުނިޔޭގައި އުޅޭއިރު ހިތްހަމަ ނުޖެހޭ ކަންކަމާއި ދިމާވާނެއެވެ. ހަމައެފަދައިން ހިތްދަތިވެ ދެރަވާ އެތައް ކަންތައްތަކެއް ވެސް ދިމާވާނެއެވެ. ހިތްދަތި ކަމެއް ކުރިމަތި ވެއްޖެނަމަ އެކަމާ ކެތްތެރިވެ ކުރިމަތިލާން ދަސްކުރާށެވެ. އަދި މާތް الله ގެ ހަޟުރަތުން ޝިފާއަށް އެދި، ކެތްތެރިކަން ދެއްވުން އެދި އެކަލާނގެ ހަޟުރަތަށް ދަންނަވަން ވާނެއެވެ. އަދި ތިމާ ހިތް އެދޭފަދަ އުފާވެރި ކަމަކާ ދިމާވެއްޖެނަމަ މާތް الله އަށް ޙަމްދުކޮށް އެކަލާނގެ ޙަޟުރަތަށް ޝުކުރުވެރި ވާންވާނެއެވެ.
ދިމާވާ އެކި އެކި ކަންކަމުގެ ސަބަބުން މާޔޫސްވެ، “ޑިޕްރެޝަން” އަށް ދާމީހުން މަދެއް ނޫނެވެ. ސޯޝަލް މީޑިއާގައި އަމިއްލަ އަށް މަރުވާން ބޭނުން ވާކަން ނުވަތަ އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން ބޭނުންވާކަން އަންގައިދޭ ފަދަ އެކި ލިޔުންތައް “ޝެއާ” ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ދޫކޮށް ގޮސްފައިވާ ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ އަޅުގަނޑުމެން ދިރިއުޅޭ މި ކުޑަ ދިވެހި ރާއްޖެއަށް ބަލާލި ކަމުގައި ވީ ނަމަވެސް އެފަދަ ހިތާމަވެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ.
ސުވާލަކީ މިފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި އަމިއްލަ ނަފުސަށް ގެއްލުންްދީ ނުވަތަ އަމިއްލައަށް މަރުވުމަކީ މިކަމަށް އޮތް ހައްލު ހެއްޔެވެ؟ ނޫނެކެވެ. އަޅަމެންގެ އިސްލާމްދީނުގައި ވެސް ވަނީ އަމިއްލަ ނަފުސަށް ގަސްދުގައި އެއްވެސް ވަރެއްގެ އަނިޔާއެއް ދިނުން ޙަރާމް ކުރައްވާފައެވެ. އަދި މިފަދަ ކަމެއް ކުރުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ކީރިތި ޤުރުއާނުގައި ނިސާ ސޫރަތުގެ 29 ވަނަ އާޔަތާއި 30 ވަނަ އާޔަތުގެ މާނައިގައިވެއެވެ." .އަދި, ތިޔަބައިމީހުންގެً އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ރަސްކަލާންގެ ކަމުގައި ﷲ ވޮޑިގެންވެއެވެ… ދެކޮޅުވެރިކަމާއި, އަނިޔާވެރިކަމުގެ ގޮތުން އެކަން ކުރާ މީހާ ދަންނާށެވެ. (ފަހެ, ތިމަން ރަސްކަލާނގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ…“)
އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު އަޅުގަނޑުމެން ސުވަރުގެއާއި ނަރަކައަށް އީމާންވަމުއެވެ. ނަރަކައިގެ ބިރުވެރިކަން ކީރިތި ޤުރުއާނުގައި މާތް الله ވަނީ އަންގަވާފައެވެ. ސުވާލަކީ އަޅުގަނޑުމެން ދުނިޔޭގައި މިފަދަ ހިތާމަތަކާއި މާޔޫސް ކަންކަމުގައި ކެތްކުރާނީތޯއެވެ؟ ނޫނީ ނަރަކައިގެ ތެރެއަށް ފުންމާލަން ތިމާގެ އަމިއްލަ ނަފުސު ތިމާ އަމިއްލައަށް ޤަތުލު ކުރާނީތޯއެވެ؟
ދުނިޔޭގެ ހިތާމަތަކަށް ކެތް ނުކުރެވިގެން މިކަމުން މިންޖުވާން އޮތް އެންމެ ފަސޭހަ ގޮތަކީ އަމިއްލަ ފުރާނަ ދުއްވާލުން ކަމުގައި ހީވެފައި އޮވެއެވެ. އެހެންނަމަވެސް މީ ވަރަށް ބޮޑު ކުށްހީއެކެވެ. އަމިއްލަ އަށް ފުރާނަ ދުއްވާލައިފި މީހަކަށް އޮތީ ނިމުމެއް ނެތް ވޭން ދެނިވި ގަދަ ފަދަ ޢަޒާބެވެ. އެގޮތަށް އަމިއްލައަށް މަރުވާ މީހުން މަރުވެގެން އެދަނީ ތައުބާވުމުގެ ފުރުސަތުވެސް ނުލިބޭ ފަދައިންނެވެ. އެފަދަ މީހުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ރާއްޖޭގައި މިގޮތަށް ވިސްނާ ބައިވަރު މީހުން އުޅެއެވެ. ޚާއްސަކޮށް މާޔޫސްވެ މަގު އޮޅޭ ބައެއް ޒުވާނުންނަށް ހީވެފައި އޮންނަނީ އެންމެ ރަނގަޅު ގޮތަކީ ފުރާނަ ދުއްވާލުން ކަމުގައެވެ. އެހެންނަމަވެސް މިފަދަކަންކަން މަދު ކުރެވިދާނެއެވެ. އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކުރާށެވެ. ތިމާ ދުނިޔެއަށް ފޮނުވުނު މަޤުސަދު ހަނދާން ނައްތާނުލާށެވެ. ކޮންމެ ނަފުސަކީވެސް އެކަލާނގެ އުފެއްދި އެއްޗެއްކަން ދަންނާށެވެ. އަދި ކޮންމެ ނަފުސެއްގެ ފުރާނަ ގެންދެވުން ވެސް ވަނީ ހަމައެކަނި އެކަލާނގެއަށްކަން ދަންނާށެވެ.
އިސްލާމް ދީނުގައި މިފަދަ ކަންކަން ނުކުރުމަށް ބާރުއަޅާފައިވާ ޙަދީޘް ބަސްފުޅުތަކާއި އެކަލާނގެ ވަޙީ ބަސްފުޅުތައް ކިޔައިދޭށެވެ. ޢިލްމުވެރިންގެ ލަފާ ހޯދާށެވެ. އަދި ހަމައެހެންމެ ނަފުސާނީ އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެފަދަ އެހީތެރިކަން ފޯރުކޮށްދޭށެވެ. އެއްވެސް ކަމަކީ ހައްލު ނުވާނޭ ކަމެއްކަމަށް ވިސްނިފައިވާ މީހުންގެ އެ ވިސްނުން ބަދަލު ކުރުމަށް ދީނުގެ އަލީގައާއި އެހެނިހެން ގޮތްގޮތުން އެހީ ވެދޭށެވެ. އާޚިރަތް ދުވަހަށް އީމާންވެ އެއީ ތިމާގެ ހަގީގީ މަންޒިލުކަން ވިސްނިއްޖެ މީހަކަށް ދުނިޔޭގެ ކިތަންމެ ބޮޑު ވޭނަކާ ވެސް ކުރިމަތިލާން ކެރޭނެއެވެ. އެފަދަ ކަންކަމާ ކެތް ކުރަން ދަސްވާނެއެވެ. ފުރާނަ ދުއްވާލުމަކީ ހައްލެއް ނޫނެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.