މާ ގިނައިން ޑައިޓު ބަދަލު ކުރާނަމަ ސިއްހަތަށް ގެއްލުން ލިބޭ
ބަރުދަން ލުއި ކުރުމަށްޓަކައި ޑައިޓު ކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެ ޑައިޓުން މާ ބޮޑު ފައިދާއެއް ކުރާހެން ހީނުވާ ނަމަ ހަފްތާއަކު އެއް ފަހަރު ޑައިޓު ބަދަލު ކުރާ މީހުން ވެސް އުޅެއެވެ.
ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މާ ގިނައިން ޑައިޓު ބަދަލުކުރުމަކީ އޭގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ޔުނިވާސިޓި އޮފް ޝެފީލްޑްއިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި މާ ގިނައިން ޑައިޓު ބަދަލު ކުރުމަކީ އޭގެ ސަބަބުން އުމުރު ކުރުވާ ކަމެކެވެ.
މި ދިރާސާއިން އިތުރަށް ބުނާ ގޮތުގައި ހަރުކަށި ޑައިޓަކުން މާ ނޯމަލް ޑައިޓަކަށް ދާނަމަ އެކަމަށް ހަށިގަނޑު އެންމެ ފުރިހަމައަށް ތައްޔާރު ނުވެވެއެވެ. މީގެ ސަބަބުން މީހާގެ ހަށިގަނޑު ވަރުދެރަވުން ފަދަ ކަންކަން ދިމާވެ އުމުރު ކުރުވުމަށް މަގުފަހިވެއެވެ.
މި ދިރާސާ ކޮށްފައިވަނީ ފްރުޓު ފްލައިސްތަކެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް މިއެއްޗެހީގެ ހަޖަމު ކުރާ ނިޒާމުވެސް މަސައްކަތް ކުރަނީ އިންސާނުންނާ ދާދި އެއް ގޮތަކަށް ކަމަށް މި ދިރާސާ ކުރި ސައިންޓިސްޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް އެކިއެކި ޑައިޓުތަކުން މީހާގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާކަން މި ދިރާސާއިން ހާމަވެފައިވާ ކަމަށް ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެންޑްރިއު މެކްރެކަން ބުނެފައިވެއެވެ.