ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސުޕްރީމު ކޯޓުން މި އަމުރު ނެެރެފައި ވަނީ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާޠިލް ކުރުުން އެ މައްސަލަ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ޖިހާދު ކޯޓަށް ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާ އަށް ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ދޭން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.
ޖިހާދުއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މައްސަލަ ހުށަހެޅީ، މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލައިގައެވެ. އެގޮތުން ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާ ކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 25ވަނަ ދުވަހުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެފައި ވަނީ މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ އެމަނިކުފާނު ނައިބު ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލު ކޮށްފައި ވާތީ ކަމަށެވެ.
ކުރީގެ ނައިބު ރައީސް ޖިހާދުގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 750،713،604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނި ވެފައިވާ ކަމަށް ތަހުޤީޤުން ވަނީ ހާމަ ކޮށްފައެވެ.