ލޯބިވާ ދަރިފުޅާއެވެ. މަންމައަށް މި ބިކަހާލު ޖެއްސީ މަންމަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟
ކޮންމެ އިންސާނެއް ވެސް މި ދުނިޔެއަށް އައުމުގެ އަސްލަކީ މައިމީހާއެވެ. އެމަންމަގެ އުފަލާއި އެމަންމަ ކުރަމުން އައި ފޮނި އުއްމީދުތަކުގެ އަސްލެއް ކަމުގައި މަންމަގެ ދަރިން ވެއެވެ. ދަރިންގެ އުފަލާއި އަރާމަށް ޓަކައި މަންމައިން އަންނަނީ އެތައް ޤުރުބާނެއް ވަމުންނެވެ.
މަތީގައި އެވާ ފޮޓޯއިން އެ ބުނެދެނީ އެތައް ވާހަކަތަކެކެވެ. އެ ނިކަމެތި މަންމަ ބުނާ ކަހަލައެވެ.
ދަރިފުޅާއެވެ. ނުވަ މަހާއި ނުވަ ދުވަސް ވަންދެން މި މަންމަގެ ބަނޑުތެރޭގައި ދަރިފުޅު ބޭއްވީތީ މަންމަ ދުވަހަކު ވެސް ޝަކުވާއެއް ނުކުރަމުއެވެ. އެންމެ ތުއްތު އިރުން ފެށިގެން ފުރާ ފުރިހަމަ ވާންދެން ވެސް ދަރިފުޅަށް ބޭނުންވި ހަމަ ކޮންމެ ކަމެއް ކޮށްދިނުމުގައި މި މަންމަގެ އުމުރު ނަގާލީމެވެ. އެހެން ނަމަވެސް މިއަދު ދަރިފުޅު ތިޔަ ދަނީ މަންމަ ބިކަހާލުގައި ގިނިކަންޏާ އުޅެން ދޫކޮށްލާފައެވެ. ބީރައްޓެހި ބައެއްގެ އަތް މައްޗަށް ދޫކޮށްލާފައެވެ.
ލޯބިވާ ދަރިފުޅާއެވެ. މިއަދު ދަރިފުޅަށް ތިޔަ ލިބޭހާ ކާމިޔާބީއާ ދޭތެރޭ މި މަންމަ އުފާވެ ފަޚުރުވެރި ވަމެވެ. އެހެން ނަމަވެސް ދުވަހަކުވެސް މި މަންމަ ދަރިފުޅު ކިބައިން އެއްވެސް މުދަލަކަށް އަދި ފައިސާއަކަށް ނޭދެމެއެވެ، ނުވެސް އެދޭނަމެވެ. މަންމަގެ ހަމައެކަނި އެދުމަކަށް ވީ ދަރިފުޅުގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުމެވެ. ދަރިފުޅުގެ ލޮބުވެތި ފިރުމުންތަކުން މަންމަގެ މުސްކުޅި އުމުރު ފަސޭހަ ވެގެން ދިޔުމެވެ. އެހެންނަމަވެސް މިއަދު މަންމަ ބޭކާރުވީއެވެ. ބޭނުން ނެތް އެއްޗަކަށްވެ ދޫކޮށްލީއެވެ. މަންމައާ ހަވާލު ވާނެ ބަޔަކު ހަވާލުވާން ރަށުތެރެއަށް ގިނަ ކޮށްލީއެވެ.
ދަރިފުޅު ދެން މަންމަ ދެކިލުމަށް އަންނައިރު، މި މަންމަ ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަގީންކަން އޮތީ ވެސް ފަހެ ކާކަށްހެއްޔެވެ.
އޭ މަންމަގެ ދެލޮލުގެ ނޫރާއެވެ. މިއަދު މަންމަގެ ހިތުގައި ދަރިފުޅަށް އެއްވެސް ބުރަކަމެއް ނެތެވެ. އަދި ދުވަހަކު ވެސް ދަރިފުޅަށްޓަކައި މި މަންމަގެ ހިތް ބުރައެއް ނުވާނެއެވެ. އެއަށް ވުރެ ބޮޑަށް ދަރިފުޅު ދެކެ މަންމަ މާ ލޯބިވެއެވެ. ދެރަ ވަނީ، މަންމަ ދަރިފުޅަށްޓަކައި ވީހާ ޤުރުބާނީތަކުގެ އެއްވެސް އަގެއް ނެތްކަން މަންމައަށް އިހްސާސް ކުރެވޭތީއެވެ.
ދަރިފުޅާއެވެ. މަންމަ އަދިވެސް ދަރިފުޅަށް އިންތިޒާރު ކުރަމެވެ. މަންމަ ބަލާ އަންނާނެ ދުވަހެއްގެ ހުވަފެން ދެކެމެވެ. ދަރިފުޅަށް މަޢާފުކުރުމަށް މި މަންމަ އަބަދުވެސް މިހުރީ ތައްޔާރަށެވެ. މަންމައަށް ދަރުފުޅުގެ ލޯތްބާއި އަޅާލުން ބޭނުމެވެ. މަންމަ ދުނިޔެ ދޫކުރާ ވަގުތު ދަރިފުޅު ގާތުގައި ވުމަށް މަންމަ ނިކަން ބޭނުމެވެ. ދަރިފުޅާއެވެ. މަންމަ ބަލާ ދަރިފުޅު އަންނާނަން ހެއްޔެވެ؟ މަންމަ ނިމިދާން ބޭނުން ވަނީ ބީ ރައްޓެހި ބައެއްގެ އަތްމައްޗަކަށް ނޫނެވެ، ފަހު ނޭވާ ދޫކުރަން ވެސް މަންމަ ބޭނުން ވަނީ ދަރިފުޅުގެ ކުރިމަތީގައެވެ. ދަރިފުޅާއެކު މަންމަ ހޭދަ ކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ވީ ގޭގައެވެ،
އޭ މުސްލިމު އަޚުންނާއި އުހުތުންނޭވެ. މައިމީހާއަށް އިސްލާމްދީނުގައި ޚާއްސަ އަހައްމިޔަތުކަމެއް ވަނީ ދެވިފައެވެ. ސުވަރުގެ ވެސް ވަނީ މައިމީހާގެ ފައިތިލަ ދަށުގައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭ މަގެކެވެ. މީގެ އިތުރުން ރިޒުޤު ތަނަވަސް ވެގެންދާނެ މަގެކެވެ. އަދި ދެދުނިޔޭގެ އެންމެހާ ކަންތައް ފަސޭހަވެގެންދާނެ ސަބަބެެއްގެ އިތުރުން ހިތްހަމަޖެހިލައިގެން އުޅެލުމަށް ލިބެވޭ ފުރުސަތުތަކެކެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. عن أبي هريرة -رضي الله تعالى عنه- عن النبي -صلى الله عليه وسلم- قال: ((رغم أنف، ثم رغم أنف، ثم رغم أنف من أدرك أبويه عند الكبر أحدُهما أو كلاهما فلم يدخل الجنة)). رواه مسلم. މާނައީ: އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ