ލައިފްސްޓައިލް

މަގޭ ގައިގައި ފިރުމާ ބޮސްދޭކަށް، މަގޭ މަންމައެއް އަދަކު ނެތެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަހަރެންގެ ޙަޔާތަށް އައި އެންމެ ކަޅު ދުވަހެވެ. އަހަރެންގެ ލޯބިވާ މަންމަ މިދުނިޔެ ދޫކޮށް ތާއަބަދަށް ވަކިވެގެން ދިޔަ ދުވަހެވެ. މިއަދު އަހަރެންގެ ދެލޮލުން ކަރުނައިގެ އަލާ ނުކެނޑެއެވެ. އަހަރެންގެ މި ހިތް ގޮވަމުން އެދަނީ މަންމާއެވެ. އައިސްބަލާށެވެ. ތިޔަ އުނގުގައި ބޯ އަޅާލައިގެން އަހަރެން ނިންދަވާލަ ދޭށެވެ. ނަމަވެސް މަންމަ އަދަކު ނެތެވެ.

Ads by STELCO

މުޅި ދުނިޔޭގައި ވެސް އަހަރެން އެންމެ ލޯބިވީ އިންސާނާ މިއަދު އެވަނީ ފަސްގަނޑު ދަށަށް ލާ ފަސްލެވިފައެވެ. އަހަރެންގެ ނިޔަނެތި މަންމާފުޅު އަހަރެންނާއި، މުޅި އާއިލާ ދޫކޮށް އެދިޔައީ އެންމެން ރޮއްވާލާފައެވެ. މަންމައާއެކު އަހަރެންގެ ހިތުގެ ވިންދު ވެސް ދިޔަ ކަހަލައެވެ. މަންމަ ނެތުމުގެ އިހުސާސް އަހަރެންނަށް ކުރެވެން ފެށުމާއެކު ގޮތް ހުސްވެ،މާޔޫސް ވެއްޖެއެވެ.

މަންމަ ވަކިވެ ދިޔައީތީ މިއަދު އެތައް ބައެއްގެ ލޮލުން ކަރުނަތައް ފައިބަމުން އެދަނީ ހުއްޓުމެއް ނެތިއެވެ. ކޮންމެ މީހަކު ވެސް އަހަރެން ގާތަށް އައިސް ހިތްވަރު ކުރުމަށް އެދިނަސޭހަތް ލައިދެނީއެވެ. ބަދަލުގައި އަހަރެން ހިނިތުންވުމާއެކު މަންމައަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެންމެންގެ ކިބައިން އެދުނީމެވެ. އަދި ހިތްވަރު ކުރެވޭތޯ އެތައް މަސައްކަތެއް ކުރަމުން ގެންދިޔައީމެވެ.

އެހެން ނަމަވެސް، ލޯކުރިމަތީގައި ފެންނާން ހުރި މަންޒަރުން އަހަރެންގެ ބޯމައްޗަށް ބަރު އެއްޗެއް ވައްޓާލި ފަދައެވެ. ބަރު އެއްޗަކުން މޭގައި ވަރަށް ބާރަށް ޖަހަމުން ދިޔަފަދައެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެން އެންމެ ލޯބިވާ އިންސާނާ މިއަދު އެއޮތީ ހުދު ފޮތިގަނޑަކުން ބަނދެވި، ވަދާއީ ފެނިލުމަށް ތައްޔާރު ކުރެވިފައެވެ.

ހިނަވާ ކަފުންކޮށްފައި އެވަނީ އަހަރެންގެ މަންމައެވެ. އަހަރެންގެ ލޯބިވާ މަންމާފުޅެވެ. ޖެހިގެން އޮތީ މަންމަ ވަޅުލުމަށް ތައްޔާރުކޮށްފައިވާ މަންމަގެ ސަންދޯކެވެ. ހިތަށް އަރައެވެ. އަހަރެންގެ މަންމަ މިއަދަށް ފަހު ދެނެއް ނުފެންނާނެއެވެ. އަބަދުގެ އަބަދަށް ވަކިވެގެން އެދަނީ އަހަރެންގެ މަންމައެވެ. އެއީ އަހަރެން މިދުނިޔެއަށް އައި އަސްލެވެ. އަހަރެންގެ މިދެލޮލުގެ ކޮއެވެ.

ރިހެމުން ދިޔަ ހިތުގައި ގަދަކަމުން އަތް އެޅުމަށް ފަހު މަންމާގެ މޫނު އަޅައިފީމެވެ. ދެން އެމަންމަގެ މޫނެއް ނުފެންނާނެއެވެ. އެމަންމަގެ ލޮބުވެތި ފިރުމުންތައް މަތިން އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ. އަހަރެންގެ މަންމަ ވަޅުލުމަށް އެދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މަންމަ ސަންދޯކަށް ލައި ބަންދު ކޮށްލައިފިއެވެ.

އެއަށްފަހު މަންމަގެ މައްޗަށް ކުރެވޭ ކަށުނަމާދަށް މީހުން ދިޔައީ ތައްޔާރު ވަމުންނެވެ. އަހަރެން ވެސް ނަމާދު ކުރުމަށް ތައްޔާރު ވެއްޖައީމެވެ. އަދި ނަމާދު ފެށުމުގެ ކުރިން އިމާމުދިން ކުޑަކުޑަ ނަސޭހަތަކުން އަހަރެންނަށް ބޭއިޚުތިޔާރުގައި ރޮވެން ފެށުނީއެވެ. ނަމަވެސް ހިތްވަރު ކޮށްލައިގެން ނަމާދުކޮށް ނިންމާލެވިއްޖެއެވެ.

ސަންދޯއް އުފުލާލައިފިއެވެ. އެއްފަރާތުގައި އަހަރެން ވެސް ހުރީމެވެ. ގެންގޮސް މަންމަ ވަޅުލުމަށް ކޮނެފައިވާ ވަޅު ކައިރީގައި ބަހައްޓައިފީމެވެ. އަދި މަޑުމަޑުން ވަޅަށް އެ ތިރިކުރީ އަހަރެންގެ ލޯބިވާ މަންމައެވެ. އަހަރެންގެ ޖާނާއި ފުރާނަ ފަދައިން އަހަރެން އެންމެ ލޯބިވީ އަހަރެންގެ މަންމާފުޅެވެ. އެއަށް ފަހު ފަސް ލެވިއްޖެއެވެ. މަންމަގެ ޖަނާޒާ ނިމުމަކަށް އައީއެވެ. ވަޅުލުމަށް ފަހު އެންމެން ވެސް މަންމައަށް ހެޔޮ ދުޢާ ކޮށްދިނެވެ. މަންމަގެ ކަށްވަޅަކީ މަންމައަށް އަމާން ތަނެއްގެ ގޮތުގައި ލެއްވުމަށް އަހަރެން ރޮއެ ގިސްލަމުން ދިޔަ ޙާލު އެކަލާނގެ ހަޟްރަތަށް ދުޢާ ދެންނެވީމެވެ.

ޖަނާޒާ ކަންކަން ނިންމާލުމަށް ފަހު އަހަރެން އެތައް އިރެއް ވަންދެން މަންމަގެ މަހާނަ ކައިރީގައި މަޑު ކުރީމެވެ. އަހަރެންގެ ހިތް އެތަނުން ދިއުމަށް ދެކޮޅު ހެދީތީއެވެ. މަންމައާ އެކުވުމަށް އަހަރެންގެ ހިތް އާދޭސް ކުރީތީއެވެ. މަންމައަށް އަހަރެންގެ ހިތުގައި ދެވިފައިވާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އެދެނީ މަންމައާ ޖަންނަތުން ބައްދަލުވުމެވެ. މަންމައަށް ހެޔޮރަޙުމަތް ލެއްވުމެވެ.

އެކުވެރިންނޭވެ. މައިމީހާއަށް އިސްލާމްދީނުގައި ޚާއްސަ އަހައްމިޔަތުކަމެއް ވަނީ ދެވިފައެވެ. ސުވަރުގެ ވެސް ވަނީ މައިމީހާގެ ފައިތިލަ ދަށުގައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭ މަގެކެވެ. މީގެ އިތުރުން ރިޒުޤު ތަނަވަސް ވެގެންދާނެ މަގެކެވެ. އަދި ދެދުނިޔޭގެ އެންމެހާ ކަންތައް ފަސޭހަވެގެންދާނެ ސަބަބެެއްގެ އިތުރުން ހިތްހަމަ ޖެހިލައިގެން އުޅެލުމަށް ލިބެވޭ ފުރުސަތުތަކެކެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. عن أبي هريرة -رضي الله تعالى عنه- عن النبي -صلىالله عليه وسلم- قال: ((رغم أنف، ثم رغم أنف، ثم رغم أنف من أدرك أبويه عند الكبر أحدُهما أو كلاهما فلم يدخل الجنة)). رواه مسلم. މާނައީ: އެ މީހަކު ނިކަމެތިވެގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ގެރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށްހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ

މަންމަ ތިބާއަށްޓަކައި އުފުލި ބުރައަކީ އޭގެ އަގު ވަޒަން ކުރެވޭނެ ކަމެއް ނޫނެވެ. ތިބާގެ މަންމަ ދިރި ދުނިޔޭގައި އަޅާލުމާއި ފިރުމުންތައް ދޭށެވެ. އެފަކީރު ހިތުގައި ޖެހޭ އެއްވެސް ކަމެއް ނުކުރާށެވެ. އެފަކީރު ލޮލުން ހިތާމައިގެ އެންމެ ކަރުނަ ތިއްކެއް ވެސް ފޭބިޔަ ނުދޭށެވެ. އެމަންމަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވެވޭތޯ އަބަދުވެސް މަސައްކަތް ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!